ފްރާންސްގައި ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާއި ފިހާރަތަކުން މުދާ ފޭރުމުގެ ހާދިސާތަކަށްފަހު، ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގުމަށް މަރުކަޒީ ސަރުކާރުން މިހާރު ވަނީ ލޯކަލް އޮތޯރިޓީތަކަށް އަންގާފަ އެވެ.
ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި، ނަމަވެސް މިވަގުތަށް އެންމެ އެކަށީގެންވަނީ ވަކިވަކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ކާފިއު ހިންގުން ކަމަށެވެ. ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، މުޅި ޕެރިހުގައި އެއްކޮށް ކާފިއު ހިންގުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ވަނީ ހަރުކަށި ފިކުރުގެ ވާތުފިޔައިގެ ގްރޫޕްތަކަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ގައުމުގެ މަސްލަހަތު ނަގައިލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޖީން-ލޫކް މެލެންޗޯން ވަނީ މި ތުހުމަތުތަކަށް ހެކި ދެއްކުމަށް ގޮވާލައްވާފަ އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، މިދިޔަ ބަންދު ދުވަސްތަކުގައި ހިންގި ހަމަނުޖެހުންތަކުގައި 3،000 އާ ގާތްކުރާ އަދަދަކަށް ފިހާރަތަކަށް ވަނީ ގެއްލުންދީފަ އެވެ. ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން ބިނާކުރި ވިޔަފާރިތައް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ސުންނާފަތިވެފައިވާތީ، އެ ފަރާތްތަކަށް ޓެކުހާއި ސޯޝަލް ސެކިއުރިޓީ ފީތަކުން ލުއި ދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް 2,400 އެއްހާ މީހުން ހައްޔަރުކޮށްފައިވާއިރު، 1,000 އެއްހާ ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އަދި މުޒާހަރާގެ ބައިވެރިއަކު ހިތް ހުއްޓިގެން މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ޕެރިސް، މާސޭ އަދި ލިޔޯންގެ މޭޔަރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީގެ ކުރިންވެސް މުޒާހަރާތަކާ ކުރިމަތިލާފައިވީ ނަމަވެސް، މިފަހަރު ގައުމުގެ ބޮޑެތި ސަރަހައްދުތަކެއް އެއްވެސް ހިމާޔަތެއް ނެތި ދޫކޮށްލެވިފައިވާ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. މީގެ އިތުރުން، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އިންޓީރިއާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުނުކުރައްވައި، ސަލާމަތީ ކަންކަމުގައި ފެއިލްވި ސަބަބުތައް ހޯދައި ހަމަނުޖެހުންތައް ހުއްޓުވުމަށް އަންގަވާފަ އެވެ.
ގައުމުގެ އިގްތިސާދަށްވެސް މިކަމުގެ ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. ހާއްސަކޮށް ލަގްޒަރީ ބްރޭންޑްތަކުގެ ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ފްރާންސްގެ ހިއްސާގެ ބާޒާރުގައި ކުންފުނިތަކުގެ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ. އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ތެލުގެ އަގު އުފުލުމާ ގުޅިގެން އުފެދިފައިވާ މި ނުތަނަވަސްކަން ހަމައަކަށް އެޅުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ހަރަކާތެއް ފަށައިފި
15 އަހަރު ކުރީގެ މައްސަލައެއްގައި ރާކީ ހައްޔަރު ކުރަން އަމުރެއް!