ކޮންމެ ލޯބީގެ ނުވަތަ ކައިވެނީގެ ގުޅުމެއްގައި ވެސް މައްސަލަތަކާއި ހިޔާލު ތަފާތުވުންތައް ކުރިމަތިވުމަކީ ދިމާވާނެ ކަމެކެވެ. ނަމަވެސް ބައެއް ގުޅުންތައް ރޫޅިގެންދާއިރު، އަނެއްބައި ގުޅުންތައް ދެމެހެއްޓެނީ ކީއްވެގެން ހެއްޔެވެ؟

ބީބީސީގައި ޝާއިއު ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ގުޅުމެއް ސަލާމަތް ކުރުމުގައި އެންމެ މުހިންމީ ދިމާވާ މައްސަލަތަކަށްވުރެ ބޮޑަށް، އެ މައްސަލަތަކާ މެދު ދެމަފިރިން/ބައިވެރިން އަމަލުކުރާ ގޮތެވެ.

1. ތަކުރާރުވާ މައްސަލަތަކާއި ހިޔާލު ތަފާތުވުންތައް:

ދިރާސާތަކުން ދައްކާ ގޮތުގައި، ކައިވެންޏެއްގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގެ 69 ޕަސެންޓަކީ ޒަމާންތަކަކަށް ތަކުރާރު ވަމުންދާ މައްސަލަތަކެވެ.

މީގެ ތެރޭގައި ފައިސާގެ މައްސަލަތަކާއި، ގޭތެރޭގެ މަސައްކަތްތައް ބެހެވިފައިވާ ގޮތާއި، ދަރިން ބެލެހެއްޓުމުގެ އުސޫލުތައް ހިމެނެ އެވެ. އުފާވެރި ދިރިއުޅުމެއް އުޅޭ ބައިވެރިންނާއި އެ ނޫން ބައިވެރިންގެ މެދުގައިވެސް މައްސަލަތައް ޖެހެ އެވެ. ތަފާތަކީ އެ މައްސަލަތައް ހައްލު ކުރުމަށް ވާހަކަ ދައްކާ ގޮތެވެ.

2. ގުޅުން ހަލާކުކޮށްލާ 4 އާދަ:

ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި ގުޅުމެއް ހަލާކުކޮށްލާ މައިގަނޑު ހަތަރު އާދައެއްވެ އެވެ. އެއީ:

  • ފާޑު ކިޔުން: ބައިވެރިޔާގެ އަމަލަށް ފާޑުކިއުމުގެ ބަދަލުގައި އޭނާގެ އަހްލާގަ ނުވަތަ މިޒާޖަށް ސީދާ ޙަމަލާ ދިނުން.
  • ދަށްކޮށްލުން: ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުން އަދި އިހްތިރާމް ނުކުރުން.
  • ދިފާއީވުން: އަމިއްލަ ކުށް ގަބޫލު ނުކޮށް، އަބަދުވެސް އުޒުރު ދެއްކުން ނުވަތަ އަނެކާގެ ބޮލުގައި އިލްޒާމް އެޅުވުން.
  • ވާހަކަ ނުދައްކާ އެކަހެރިވުން: މައްސަލައެއް ޖެހުމުން އެއްކޮށް ހިމޭންވެ، މައްސަލައިން ރެކެން އުޅުން.

3. އިޙްސާސްތައް ދެނެގަތުމާއި އަޑުއެހުން

ގުޅުމެއް ސަލާމަތް ކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އަނެކާގެ އިހްސާސްތައް އަޑުއަހައި، އޭނާ ބުނާ އެއްޗެއް ދެނެގަތުމަށް މަސައްކަތް ކުރުމެވެ. ބައިވެރިޔާއަކީ އޭނާގެ އަޑުއަހާ، އޭނާގެ ކަންބޮޑުވުންތައް ބަލައިގަންނަ މީހެއްކަމުގެ އިހްސާސް ކުރެވޭނަމަ، ގުޅުން ވަރުގަދަވެ، ދެމަފިރިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ވެސް ރަނގަޅުވެ އެވެ.

4. އަނެކާގެ ހާލަތު ވަޒަން ކުރުން:

މައްސަލަތައް ބޮޑުވެ، ގުޅުން ރޫޅޭ ހިސާބަށް ދާއިރު ގިނަ ފަހަރަށް ދެމީހުންގެ މެދުގައި އޮންނަ "އެމްޕަތީ" ނުވަތަ އަނެކާގެ ކޮޅުން ވިސްނުމުގެ ގާބިލުކަން ގެއްލިގެންދެ އެވެ.

ކަޕްލްސް ތެރަޕީ ނުވަތަ ކައުންސިލިންގެ އެހީގައި 70 އިންސައްތަ ޖޯޑުންގެ ގުޅުން ރަނގަޅު ކުރެވޭކަމަށް ދިރާސާތަކުން ދައްކަ އެވެ. މީގެއިން އެންމެ ބޮޑު އެހީއަކަށްވަނީ އަނެކާގެ ކުށްތައް އެކަނި ހޯދުމުގެ ބަދަލުގައި "އަހަރެމެން ދެމީހުންނަށް ކުރެވޭނީ ކޮން ކަމެއް"ތޯ ބެލުމެވެ.

ގުޅުމެއްގައި މައްސަލަތައް ޖެހުމަކީ ގުޅުން ނިމުމުގެ ނިޝާނެއް ނޫނެވެ. ނަމަވެސް، އެ މައްސަލަތަކާ ކުރިމަތިލާއިރު އަނެކާއަށް އިޙްތިރާމް ކުރުމާއި، އޯގާތެރިކަން އިސްކުރުމާއި، އަނެކާގެ ވާހަކަތައް ކަނުލައި އަޑުއެހުމުގެ އާދަ އަށަގަންނުވައިފިނަމަ، ކޮންމެ ފަދަ ގުޅުމެއްވެސް ރަނގަޅުކޮށް، ސަލާމަތް ކުރެވިދާނެކަމަށް މާހިރުން އިރުޝާދު ދެއްވަ އެވެ.