ސްޓުޓްގާޓް (5 ޖުލައި) – ޔޫރޯގެ ކުއާޓާ ފައިނަލްގައި މިރޭ ޖަރުމަނާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، ޖަރުމަންގެ މުހިންމު މިޑްފީލްޑަރު ޓޯނީ ކްރޫސް ހުއްޓުވުމަށް ސްޕެއިން އިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފި އެވެ.
ޔޫރޯގެ ކުއާޓާ ފައިނަލަށް ސްޕެއިން ކުރިމަތިލާނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ގޮތުގަ އެވެ.
އެކަމަކު ކުއާޓާ ފައިނަލްގައި މިރޭ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަކީ މި މުބާރާތުގައި މިހާތަނަށް ސްޕެއިން ކުރިމަތިލާ އެންމެ ވަރުގަދަ އިމްތިހާނަށް ވެދާނެ އެވެ.
މި މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު ޑެލަ ފުއެންޓޭ ބުނީ ޖަރުމަންގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ކަމަށެވެ. އަދި ކްރޫސް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
"އަހަރަމެންނަށް އެނގޭ ކްރޫސް ދަނޑުމަތީގައި އުޅޭގޮތް. އަހަރަމެން ބަލާނީ އޭނާއަށް ލިބޭ ބޯޅަތައް މަދުކޮށް، ޕާސް ޖެހުމަށް އޮތް ފުރުސަތުތައް މަދުކުރަން،" ޑެލަ ފުއެންޓޭ ބުންޏެވެ. "ކްރޫސްއަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން އެހެން ކުޅުންތެރިންނަށް ވެސް ކޮންފިޑެންސް ދޭ ކުޅުންތެރިއެއް."
ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ފަހަރު މުބާރާތުގެ ތަށި ހޯދާފައި ވަނީ ސްޕެއިން އާއި ޖަރުމަނެވެ. މި ދެ ޓީމު ވެސް ވަނީ ޖުމްލަ ތިން ފަހަރު މުބާރަތުގެ ތަށި ހޯދައިފަ އެވެ.
ޑެލަ ފުއެންޓޭ ބުނީ މިރޭގެ މެޗުން މޮޅުވާ ޓީމަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފޭވަރިޓަށްވާނެ ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުމަކީ ޖަރުމަނަށް އެޑްވާންޓޭޖަކަށް ނުވެދާނެ ކަމަށެވެ.
"ސްޕެއިންގައި ތިބި ކުޅުންތެރިންނަކީ ބޮޑެތި މެޗުތަކުގައި ކުޅެފައިވާ ކުޅުންތެރިން. އިދިކޮޅު ސަޕޯޓަރުން ކުރިމަތީގައި ކުޅުމަކީ އެ ކުޅުންތެރިންނަށް އާ ކަމެއް ނޫން. ފަހަރެއްގައި އެއީ ސްޕެއިންނަށް ލިބޭ އެޑްވާންޓޭޖަކަށް ވެސް ވެދާނެ،" ޑެލަ ފުއެންޓޭ ބުންޏެވެ.