މާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން ހިންގާ އޮޕަރޭޝަންގައި ދެ މާރުކޭޓުން ރޭ ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭ މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހަތަރު ބިދޭސީ ފިރިހެނަކާއި ދެ ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނެފައި ވަނީ މި އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އިމިގްރޭޝަން އަދި ކަމާބެހޭ އިދާރާތަށް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.

މިދިޔަ މަހުގެ 29 ގައި ފުޅާކޮށް ހިންގަން ފެށި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 50 ބިދޭސީއަކު ބަންދުކޮށްފަ އެވެ. އެ މީހުން ރާއްޖެ އިން ޑީޕޯޓްކުރަން، އިދާރީ މަސައްކަތްތައް ނިމެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.

މާރުކޭޓުތައް ހިންގުމާއި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީ ރާއްޖޭގައި މަނާކަމެކެވެ. އެކަމަކު އެ މައްސަލަ ހައްލު ނުވެ އާއްމު ގިނަ ވިޔަފާރިތަކެއްގެ ކޮންޓްރޯލް މިހާރު އޮތީ ބިދޭސީންގެ އަތްމަތީގަ އެވެ.