ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދެއް ކަމަށްވާ ޒަމްފަރާ ސްޓޭޓްގެ ސްކޫލަކުން 300 އަށް ވުރެ ގިނަ އަންހެން ދަރިވަރުން ވަގަށް ނަގައިފި އެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ ބުނިގޮތުގައި ހުކުރު ދުވަހު ދަންވަރުގެ ވަގުތެއްގައި ހަތިޔާރު އެޅި ހަނގުރާމަ ވެރިންގެ ގުރޫޕަކުން ވަނީ ޒަމްފަރާ ސްޓޭޓްގެ ޖަންގަބެ ޓައުންގައި ހުންނަ ސަރުކާރުގެ ސެކަންޑްރީ ސްކޫލްއަކަށް ސެކިއުރިޓީ ގާޑް މަރާލައި، ހޮސްޓެލްގައި ތިބި އަންހެން ކުދިން ބޭރަށް ނެރެ، ކިޑްނެޕް ކޮށްގެން ގެންގޮސްފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ހަނގުރާމަ ވެރިން ތިބީ ނައިޖީރިއާގެ އަސްކަރިއްޔާގެ ޔުނިފޯމް އަޅައިގެންނެވެ.
ޒަމްފަރާ ސްޓޭޓްގެ އޮފިޝަލުން ވަނީ މި ހާދިސާ ހިނގިކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އިތުރު މައުލޫމާތެއް ދީފައި ނުވެ އެވެ. އަދި މި ހާތަނަށް އަންހެން ކުދިން ވަގަށް ނެގީ ކީއްވެގެން ކަމާއި ވަގަށް ނެގި ގުރޫޕެއް ވެސް އެނގިފައެއް ނުވެ އެވެ.
ސްކޫލް ކުދިން ވަގަށް ނެގުމަކީ ނައިޖީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން އާންމުކޮށް ކުރާ ކަމެކެވެ. މިދިޔަ ހަފްތާގައި ވެސް ނައިޖީރިއާގެ ކަޖާރާ ސްޓޭޓުން ވަނީ 42 މީހުން ވަގަށް ނަގާފަ އެވެ، މީގެ ތެރޭގައި 27 ސްކޫލް ކުދިން ވެސް ހިމެނެ އެވެ.
ނައިޖީރިއާގެ ފުލުހުން ވަނީ ވަގަށް ނަގާފައިވާ ދަރިވަރުން ހޯދަން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި މި އޮފަރޭޝަންގައި ނައިޖީރިއާގެ ފުލުހުންނާއި ސިފައިން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
ނައިޖީރިއާގައި ހަރަކާތްތެރިވާ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ވަނީ 2014 ވަނަ އަހަރު ނައިޖީރިއާގެ އިރުއުތުރުގައި އޮންނަ ޗިބޮކް ޓައުންގެ ސްކޫލަކުން 276 އަންހެން ދަރިވަރުން ވަގަށް ނަގާފަ އެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހުގައި ވެސް ނައިޖީރިއާގެ ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުރޫޕަކުން ވަނީ ކަޓްސިނާ ސްޓޭޓުގެ ސްކޫލަކުން 300 އަށް ވުރެ ގިނަ ފިރިހެން ކުދިން ވަގަށް ނަގާފަ އެވެ އެހެން ނަމަވެސް ފަހުން މިކުދިން ވަނީ ދޫކޮށްލާފަ އެވެ.
ނައިޖީރިއާގެ އޮފިޝަލުން ބުނިގޮތުގައި ކިޑްނެޕް ކުރުމުގެ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ ކުދިން ދޫކުރުމުގެ ބަދަލުގައި ފައިސާ ހޯދުމަށެވެ.
ޔުނިސެފް އިން ބުނި ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 1000 އަށް ވުރެ ގިނަ ކުދިން ބޯކޯ ހަރާމް އިންވަނީ ވަގަށް ނަގާފަ އެވެ.