ގަވައިދުން ފައިސާ ރައްކާކުރާނަމަ، ނިދި ރަނގަޅުވާ ކަމަށް އިނގިރޭސިވިލާތުގެ ބްރިސްޓަލް ޔުނިވާސިޓީ އިން ހެދި ދިރާސާއަކުން ދައްކައިފި އެެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ކުޑަ މުސާރެއް ލިބުނު ކަމުގައި ވިޔަސް އެއިން ކުޑަ ނަމަވެސް އެއްޗެއް ކޮންމެ މަހަކު ވެސް ރައްކާ ކުރާ މީހުން ދިރިއުޅެނީ މާ ހިތްހަމަޖެހިގެންނެވެ. އެހެންކަމުން އެމީހުން ތިބޭނީ މާ ރިލެކްސްކޮށް ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

މަދު މުސާރަ ލިބޭ ރައްކާކުރާ މީހަކާއި ގިނަ މުސާރަ ލިބޭ އެކަމަކު ރައްކާނުކުރާ މީހެއްގެ ދިރިއުޅުމުގައި ހުރި ހިތްހަމަޖެހުން އެއްވަރުކަމުގައި މި ދިރާސާއިން ވަނީ ދައްކާފަ އެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި މިކަމުގެ މައިގަނޑު ސަބަބަކީ ފަހަށް ރައްކާކުރާ މީހުންގެ އެންޒައިޓީ ލެވެލް ދަށްވުމެވެ. އަދި ކަމެއް ދިމާ ވެއްޖެނަމަ، ފައިސާ ރައްކާކޮށްފައި ހުރުމުން ދަރަނި ނުވެ އެކަން ހައްލުކުރެވޭނެ ގޮތްތައް ހުރުމެވެ. އަދި އެކަމާ މާބޮޑަށް ހާސްނުވުމެވެ. މި ކަމުގެ ނަތީޖާއަކީ ދިރިއުޅުމުގައި ހިތްހަމަޖެހި، ފަސޭހައިން ނިދާލެވުމެވެ.

ފަހަށް ރައްކާކުރުމަކީ ކުރަން މުހިއްމު ކަމެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި ދިރިއުޅުމުގެ ހަރަދުތައް ވަނީ އިންތިހާއަށް މަތިވެފަ އެވެ. އެހެންކަމުން ފައިސާ ފަހަށް ރައްކާކުރުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމަަކަށް ވަނީ ވެފަ އެވެ.