ހޮންކޮންގް (26 ފެބްރުއަރީ) - ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހޮންގްކޮން އިން އިއްޔެ ފަށައިފި އެވެ.
ހޮންގްކޮން އޮފިޝަލަކު ވިދާޅުވިގޮތުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި އެ ގައުމުގެ 7.5 މިލިއަން މީހުންނަށް ހިލޭ ވެކްސިން ދެވޭނެ އެވެ. ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެ ސިޓީގެ ރައްޔިތުންގެ ތެރެއިން 60 އަހަރުން މަތީ މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށެވެ. ފުރަތަމަ ބުރުގައި 2.4 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ހޮންގްކޮން އޮފިޝަލުން ލަފާކުރެ އެވެ. އަދި ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިވެ އެވެ.
ހޮންގްކޮން އިން ބޭނުންކުރާނީ ޗައިނާގެ ބަޔޯ ފާމަސޫޓިކަލް ފާމް ސިނޮވެކް އިން އުފެއްދި ވެކްސިނެވެ. ސިނޮވެކްގެ މިލިއަން ޑޯޒްގެ ވެކްސިން ވަނީ މިދިޔަ ހަފްތާގައި ލިބިފަ އެވެ.
ހޮންގްކޮން ލީޑަރު ކެރީ ލާމް އަދި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ރައްޔިތުންގެ އިތުބާރު ވެކްސިނަށް ހޯދުމަށް އެންމެ ފުރަތަމަ ވެކްސިން ޖަހާފަ އެވެ.
ހޮންގްކޮން ޔުނިވާސިޓީން ޖެނުއަރީ މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން މެޖޯރިޓީ މީހުން ވަނީ ވެކްސިން ޖެހުމަށާއި އަދި ވެކްސިންގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން ބައެއް މީހުން ބުނީ އެ މީހުން ބޭނުން ވަނީ ވެކްސިން ޖަހާ މީހުންނަށް ދިމާވާ މައްސަލަތައް ބެލުމަށްފަހު ވެކްސިން ޖެހުމަށް ކަމަށެވެ. އަދި ބައެއް މީހުން ވަނީ ވެކްސިންގެ ރައްކާތެރިކަމާއި ޔަގީންކަމާ މެދު ޝައްކުނުކުރާ ކަމަށާއި ޗައިނާގެ ވަރަށް ގިނަ މީހުން ވެސް މި ވެކްސިން ޖަހާފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.
ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރުމުގެ ހޮންގްކޮން ސަރުކާރުން އުފައްދާފައިވާ ޕެނަލްއިން ބުނީ ސިނޮވެކް ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރެވިފައިވާ ކަމަށާއި ވެކްސިންގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ހޮންގްކޮން ސަރުކާރުން ވަނީ ސިނޮވެކް، އެސްޓްރާޒެނެކާ، ފައިޒާ އަދި ބަޔޯ އެން ޓެކްގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް ހަދާފަ އެވެ. ޖުމްލަ 22.5 މިލިއަން ޑޯޒްގެ ވެކްސިން ލިބޭނެ ކަމަށް ހޮންގްކޮން އިންވަނީ ހާމަކޮށްފަ އެވެ.