އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ވަނީ މިދިޔަ މަހުގެ ތެރޭޣައި ކޮވިޑް-19 ވެކްސިން ޖައްސަވާފަ އެވެ.

އުމުރުފުޅުން 94 އަހަރުގެ ރާނީ ވިދާޅުވީ މިއީ އެއްވެސް ވަރަކަށް ތަދުވާ ކަމެއް ނޫން ކަމަށެވެ. އަދި އެހެން މީހުންނާ މެދު ވެސް ވިސްނާފައި ވެކްސިން ޖެއްސެވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ރާނީ އާއި ފިރިކަލުން، އުމުރުން 99 އަހަރުގެ ޕްރިންސް ފިލިޕް މިހާރު ތިބީ ނޮން-ކޮވިޑް އިންފެކްޝަނަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް ވެކްސިން ދީފައި ވަނީ ވިންޑްސާ ކާސެލްގެ ޑޮކްޓަރެކެވެ. އުމުރާއެކު އެ ދެބޭފުޅުން ހައި ރިސްކު ކެޓެގަރީ އަށް ފެތެ އެވެ.

"ވެކްސިން ޖެހީމަ ރައްކާތެރިކަމުގެ އިހުސާސު ކުރެވޭ. މިހާތަނަށް ވެކްސިން ޖެހުމުން ގެއްލުން ވެފައެއް ނެތް،" ރާނީ އެލިޒަބަތް ވިދާޅުވި އެވެ.

މިހާތަނަށް އިނގިރޭސިވިލާތުގެ 18.6 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.