ޝާހީ އިމްތިޔާޒުތައް ދޫކޮށްލެއްވީ "ޓޮކްސިކް" ނޫސްވެރިންގެ ސަބަބުން ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާތީ ކަމަށް އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބަކިންހަމް ޕެލަސް އިން އިއުލާނުކުރި ގޮތުގައި ކުއީން އެލިޒަބަތްގެ މާމަ ދަރިކަލުން ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކެލް ދެން ޝާހީ ޒިންމާތަކަށް އެނބުރި ވަޑައިނުގަންނަވާނެ އެވެ.

ހެރީ 36، އަދި މޭގަން، 39، ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝާހީ ޒިންމާތަކުން އެއްކިބާވެ، އާ ދިރިއުޅުމެއް ފައްޓަވަން ބޭނުންފުޅުވާކަން ހާމަކުރައްވައިފަ އެވެ.

ޖޭމްސް ކޮޑެން ހުށައަޅައިދޭ 'ލޭޓް ލޭޓް ޝޯ" ގައި ވާހަކަދައްކަވަމުން ހެރީ ވިދާޅުވި ގޮތުގައި މިއީ ޒިންމާތަކާ އެއްކޮށް ދުރަށް ވަޑައިގަތުމެއް ނޫނެވެ. މިއީ ޒިންމާތަކާ ކުޑަކޮށް ފަހަތަށް ޖެހިވަޑައިގެންނެވީ ކަމަށް ވިދާޅުވަމުން ހެރީ އިތުރަށް ވިދާޅުވި ގޮތުގައި އޭރުގެ މާހައުލު އޮތީ ވަރަށް އުނދަގޫ ގޮތަކަށް ކަމަށާ އެކަން އެންމެނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އާންމު ހިދުމަތްތައް އަދާކުރުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ހެރީ ވިދާޅުވި އެވެ.

ކެލިފޯނިއާއަށް ދިރިއުޅުން ބަދަލުކުރެއްވުގެ ކުރިން ހެރީ އާއި މޭގަން ވަނީ އިނގިރޭސިވިލާތުގެ މީޑިއާތަކުން މޭގަންއާ ގުޅުވައިގެން ދައްކާ ވާހަކަތަކާއި ފުރައްސާރަތައް ކުށްވެރިކުރައްވައިފަ އެވެ. އަދި މޭގަންގެ ބައްޕަ އަކީ ދޮން ނަސްލުގެ ބޭފުޅަކަށް ވެފައި މަންމަ އެފްރިކަން-އެމެރިކަން އަކަށް ވުމުން މީޑިއާތަކުން އޭނާއާ ބުލީކޮށް، ނަސްލީ ތަފާތުކުރުން ވެސް ގެންގުޅެފައި ވެ އެވެ.

މި މަހުގެ ކުރީ ކޮޅު މޭގަން ވަނީ އޭނާގެ ބައްޕައަށް ލިޔެފައިވާ ސިޓީއެއް އާންމު ކުރި މީޑިއާއަކުން އެއީ އޭނާގެ ޕްރައިވެސިީއަކަށް އަރައިގަތުން ކަމަށް ވިދާޅުވެ، އެ މީޑިއާ އާ ދެކޮޅަށް ހުށައެޅި ކޭސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ހަމަ އެ ނޫހުން ހެރީ އަސްކަރިއްޔާއަށް ފުރަގަސްދެއްވައިފި ކަމަށް ބުނެ ލިޔުނު ހަބަރަކާ ގުޅިގެން ވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.