ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިޒުނަ ލިބިގެން ކަމަށް ބުނާ ސިއްރު ރިޕޯޓެއް އެމެރިކާގެ ވައިޓްހައުސިން އިން އާއްމުކުރުމަށްފަހު، "ޚަޝޯގީ ބޭން"ގެ ނަމުގައި ސައުދީ އަރަބިއްޔާގެ 76 މީހަކަށް ވިސާ ނުދޭން ނިންމައިފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ބޭރުގެ ގައުމުތަކުގެ އެދުމަށް ނޫސްވެރިންނަށް އަނިޔާކުރާ ނުވަތަ ބިރު ދައްކާ މީހުން އެ ގައުމަށް ނުވައްދާނެ ކަމަށެވެ.

ބްލިންކެން ވިދާޅުވީ ޚަޝޯގީ ބޭންގެ ދަށުން، އަމިއްލަ ގައުމު ނޫން އެހެން ގައުމެއްގައި އެ މީހަކު ނިސްބަތްވާ ގައުމުގެ ސަރުކާރުގެ އެދުމަށް ނޫސްވެރިންނަށް ނުވަތަ އެހެން އެއްވެސް މީހަކަށް އަނިޔާދީ، ބިރުދައްކާ، ނުވަތަ ފާރަލާކަން ފާހަގަވާ މީހުންނަށް އެމެރިކާއަށް އެތެރެވުމަށް ވިސާ ނުދޭނެ ކަމަށެވެ.

މި ނިންމުން ނިންމައި، އިއުލާންކުރީ 2018 ވަނަ އަހަރު މަރާލި އެމެރިކާއަށް ނިސްބަތްވާ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ މަރުގެ އަޑީގައި ވަނީ ސައުދި އަރަބިއްޔާގެ ސަރުކާރު ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓް އާންމުކޮށްފައި ވަނިކޮށެވެ.

އުމުރުން 59 އަހަރުގެ ޚަޝޯގީ މަރާލީ އިސްޓަންބުލްގައި ހުންނަ ސައުދީގެ އިމާރާތަކަށް ގެންގޮސް ގެންނެވެ. މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ނައްތާލާފައިވުމުން އެ ހަށިގަނޑު ވެސް ފެނިފައެއް ނުވެ އެވެ.

އާންމުކުރި ރިޕޯޓްތައް ބުނާގޮތުގައި ޖަމާލް ޚަޝޯގީ މަރާލުމަށް އެންގީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. ނަމަވެސް ޚަޝޯގީ ބޭންގެ ދަށުން ވަލީ އަހުދު ސަލްމާންގެ ވިސާ ހިފަހައްޓާފައެއް ނުވެ އެވެ.

ޚަޝޯގީ ބޭންގެ ދަށުން އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައި މިވާނީ ސައުދީ އަރަބިއްޔާގެ ބަޔަކަށް ނަމަވެސް ކުރިއަށް އޮތްތަނުގައި އެހެން ގައުމުތަކަށް ނިސްބަތްވާ މިފަދަ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ އެވެ.