ބާ ކައުންސިލްގެ ހިންގާ ކޮމެޓީގައި ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފި އެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު އެވެ.
މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސަކާއި މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުމަށް އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މީގެއިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފަ އެވެ.
ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރާ ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބެވެ. ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ބަންޑާރަ ނައިބު އުނިކޮށް ހަތް މެންބަރުން އިންތިހާބު ކުރާ ގޮތަށެވެ.