އެކްޓަރު ނޭހާ ދޫޕިއާ ދެވަނަ ދަރިފުޅު ވިހެއުމަށްފަހު 23 ކިލޯ ހިއްކާލައިފި ކަމަށް އޭނާ ބުނެފި އެވެ. މި ކަން އޭނާ އާންމުކޮށްފައިވަނީ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގަ އެވެ.

ނޭހާ ބުނި ގޮތުގައި ފުރަތަމަ ދަރިފުޅަށް ބަލިވެއިން ފަހަރު 17 ކިލޯ ބަރުވި އެވެ. ނަމަވެސް އެއީ ކޮވިޑް ލޮކްޑައުން ދުވަސްކޮޅު ކަމަށް ވުމުން ވަރަށް ފަސޭހައިން ހިއްކާ ލެވުނު ކަމަށް ބުންޏެވެ.

ދެވަނަ ފަހަރު ބަރުވި 23 ކިލޯ ހިއްކަން ވަގުތު ނެގި ކަމަށް އޭނާ ބުންޏެވެ. އަދި އަވަހަށް ހިއްކާލުމަށް ވުރެ ބޮޑަށް ބެލީ ސިއްހަތަށް ކަމަށް އޭނާ ބުންޏެވެ.

މާ އަވަހަށް ބަރުދަން ލުއިކުރުމަކީ އޭގެ ސަބަބުން ނިއުޓްރިއެންޓްސް މަދުވުމާއި، މަސްތައް މަދުވުމާއި، އެހެނިހެން ސިއްހީ ކަންބޮޑުވުންތައް ކުރިމަތިވެދާނެ ކަމެކެވެ. ކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި ހާއްސަކޮށް ވިހެއުމަށް ފަހު އެންމެ ރަނގަޅުވާނީ މަޑުމަޑުން ބަރުދަން ލުއިކުރުމަށެވެ. އެގޮތުން ހަފުތާއަކު 0.5 ކިލޯ އާއި 1 ކިލޯއާ ދެމެދުގެ ބަރުދަން ލުއިކުރުމަށް އަމާޒުހިފުމަށް ޑޮކްޓަރުން ލަފާދެ އެވެ.

މިކަމުގެ ސަބަބުން ބަރުދަނަށް އަންނަ ބަދަލަށް ހަށިގަނޑު އެޑްޖަސްޓްވެ، މަސްތައް ހިފަހައްޓައި، މުޅި ސިއްހަތަށް އެހީތެރިވެދެ އެވެ.