މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މެންދުރު ކާލުމާއެކު ލޮޑުވެ، ނިދި އަންނަ ގޮތްވެ އެވެ. އެކަމަކު މިއީ ކިހިނެތްވާ ކަމެއް ހެއްޔެވެ؟

ކޮންމެ ދިރޭ އެއްޗެއްގެ ވެސް ސާކޭޑިއަން ރިދަމް އެއް ހުންނާނެ އެވެ. ސާކޭޑިއަން ރިދަމްއަކީ 24 ގަޑިއިރުގެ ސައިކަލްއެއްގައި އެ އެއްޗަކަށް އަންނަ ޖިސްމާނީ، ނަފްސާނީ އަދި އަހްލާގީ ބަދަލަށް ކިޔާ ނަމެކެވެ.

އިންސާނުން މެންދުރު ގަޑީގައި ކާލުމަށްފަހު ލޮޑުވުމަކީ މި ސާކޭޑިއަން ރިދަމްއަށް އަންނަ ބަދަލެއްގެ ސަބަބުންވާ ކަމެކެވެ. މި ބަދަލުގެ ސަބަބުން ހަކަތަ ހުންނަ މިންވަރު އެވަގުތަށް މަދުވެ އެވެ.

ސާކޭޑިއަން ރިދަމް ހުންނަނީ އެވަގުތަކު އިންސާނާ ކާއެއްޗަކާއި ކާ މިންވަރާއި ވަރަށް ބޮޑަށް ގުޅިފަ އެވެ. މެންދުރު ވަގުތު ގަދައަށް ކާލުމުން ހަށިގަނޑުގެ ލޭދައުރު ވާ ގޮތްތަކަށް ބަދަލުތަކެއް އާދެ އެެވެ. އަދި ކާތަކެތި އަވަހަށް ހަޖަމުކުރުމަށް ބަނޑުގެ ގުނަވަންތަކަށް ލޭ ދައުރުވާ މިންވަރު އިތުރުކުރެ އެވެ. މީގެ ނަތީޖާއަކީ ސިކުނޑިއަށް އެވަގުތު ލިބޭ ލޭގެ އަދަދު މަދުވުމެވެ. އެހެންކަމުން މީހާ ލޮޑުވެ ނިދި އާދެ އެވެ.

މެންދުރު ގަޑީގައި ކާލުމަށްފަހު މާބޮޑަށް ނިދިއަންނަމަ، ކާއެއްޗެހި ބަދަލުކޮށް، ކާ މިންވަރު މަދުކުރާށެވެ. ހޯލް ގްރެއިން ޕާސްތާ، ރޯލްޑް އޯޓްސް، ޗިކް ޕީސް އަދި ސްވީޓް ޕޮޓޭޓޯ ފަދަ ލޯ ގްލައިސީމިކް ކާބޯހައިޑްރޭޓް އިޚްތިޔާރު ކުރާށެވެ. މާ ބޮޑަށް ނިދިނަންނަ ނަމަ މެންދުރުގެ ކުރީކޮޅު ކޮފީ ތައްޓެއް ބޯލާށެވެ.