ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނުނީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ.
މި މައްސަލައަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ 14 މެމްބަރުންގެ ސޮއާއެކު ހުޅަހެޅުނު މައްސަލައެކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުނު މިމައްސަލައަކީ މިނިސްޓަރަށް މަގާމުގެ ޒިންމާ ބަރާބަރަށް އަދާނުކުރެވޭ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅުނު މައްސަލައެކެވެ.
މިސަރުކާރަށް ދެ އަހަރު ވީއިރު ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ހެދިފައިނުވާތީ، އަދި ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތައް މިހާތަނަށް އައި އިރުވެސް ހެދިފައި ނުވާތީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ މެމެބަރުން މަޖިލީހަށް ހުށަހެޅީ އެވެ. ނަމަވެސް އެ ތުހުމަތުތައް މިނިސްޓަރު މަލީހު ދޮގު ކުރައްވަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ އެވެ. އަދި މީގެ އިތުރުން، މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުގެ ވޯޓު އެބޭފުޅަކާ ދެކޮޅަށް ލިބިގެންނެވެ.