ރޮކް އެެންޑް ރޯލް ތަރި ބްރޫސް ސްޕްރިންސްޓީން ބިލިއަނަރަކަށް ވެއްޖެ ކަމަށް ފޯބްސް މެގަޒިންއިން ބުނެފި އެވެ.
އެ މެގަޒިން އިން އަންދާޒާކުރި ގޮތުގައި ބްރޫސްގެ މުދަލުގެ އަގު 1.1 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާ ބިލިއަނަރަކަށް ވެފައި ވަނީ އުމުރުން 74 އަހަރުގަ އެވެ. ފާއިތުވި އަހަރުތަކުގައި އެމެރިކާގައި އެކަނި އޭނާގެ އަލްބަލްގެ 70 މިލިއަން ކޮޕީ ވަނީ ވިކިފަ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި 140 މިލިއަން ކޮޕީ ވަނީ ވިކިފަ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ސްޕްރިންސްޓީން އޭނާގެ މިއުޒިކް ކެޓަލޮގް ސޮނީއަށް ވިއްކާލީ ގާތްގަނޑަކަށް 500-550 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށެވެ. މިއީ ސިންގަލް އާޓިސްޓެއް އަމިއްލަ ކެޓަލޮގް ވިއްކާލި ރިކޯޑް އަގެކެވެ.
ސްޕްރިންސްޓީން އަކީ މިހާތަނަށް އެންމެ ގިނަ އަލްބަމް ވިއްކި މިއުޒިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އޭނާ ވަނީ 20 ގްރެމީ އެވޯޑާއި އޮސްކާ އެވޯޑާއި ކްރިޓިކްސްގެ ތައުރީފު ލިބިފަ އެވެ. އަދި އޭނާގެ ވަން މޭން ޝޯއަށް ހާއްސަ ޓޯނީ އެވޯޑެއް ވެސް ވަނީ ލިބިފަ އެވެ.
އޭނާގެ ހަޔާތުގެ ކާމިޔާބީއާ ބެހޭގޮތުން ހޮލީވުޑްގައި ފިލްމެއް ވެސް ދަނީ ހަދަމުންނެެވެ. ސްޕްރިންސްޓީން ވަނީ "ބޯން ޓު ރަން"، "ތަންޑާ ރޯޑް"، "އައި އޭމް އޮން ފަޔާ" އަދި "ޑާންސިން އިން ދަ ޑާކް" ފަދަ ހިޓް ލަވަތައް ރިލީޒްކޮށްފަ އެވެ. އޭނާ ވެގެން ދިޔައީ އާންމު މީހާގެ ހީރޯއެއްގެ އިތުރުން އެމެރިކާގެ މިއުޒިކްގެ އެންމެ މުހިންމު އެއް ޝަހުސިއްޔަތަށެވެ.