އައްޑޫސިޓީ އިން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.

މި ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފެންނަ ކަމަށް 57 މެންބަރުން ވޯޓް ދެއްވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.

ސަރުކާރުން އައްޑޫ ސިޓީއަށް އިހުމާލުވަމުން ދިއުމުގެ ސަބަބުން އެ ސިޓީގެ އާންމު ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށް ދިނުމުންވެސް ސަރުކާރުން ނުކުޅެދި ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއްހެން އެރަށްތަކުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އައްޑޫސިޓީ އިން ކަރަންޓު ކެނޑޭ މައްސަލާގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި ކަރަންޓު ފޯރުކޮށްދޭ އިންޖީނުތައް މަރާމާތުކުރަން ބޭނުންވާ ސާމާނު ފާއިތުވި ހަތް މަސް ތެރޭގައި ފޯރުކޮށްދީފައިނުވާ ކަމަށެވެ.

ކަރަންޓު ކެނޑޭތީ ސްކޫލުތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތް ނުދެވޭ ކަމަށާއި އަގުބޮޑު ކަރަންޓު ސާމާނުވެސް ހަލާކުވަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލިސް ގެ ވަރަށް ގިނަ މެންބަރުން އެބޭފުޅުންގެ ދާއިރާތަކުގައި ވެސް ކަރަންޓްގެ މައްސަލަ ދިމާވަމުން ދާކަމުގެ ޝަކުވާތައް ކުރެއްވި އެވެ. އަދި މިހާލަތުގެ ޒިންމާ ކުރީ ސަރުކާރުން ނަގަން ޖެހޭނެކަމަށް ވެސް ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ފާއިތުވި ހަފްތާގައި މ. މުލިން ކަރަންޓް ކެނޑި 24 ގަޑިއިރަށްވުރެ ގިނަ އިރު ހިދުމަތް ނުލިބި ރައްޔިތުން ތިބެން ޖެހުނެވެ. އެކަމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.