މާލީ އަދި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި އޮތް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކަންކަން ހަމަޔަކަށް އަޅުވައި، އިސްލާހުތައް ގެނައުމުގެ ޒިންމާ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމައިފި އެވެ.

ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާލީ އަދި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި އޮތް އެފްއޭއެމް، ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ފީފާއިން އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމާފައި ވަނީ މަސައްކަތްތައް ނިމެންދެންނެވެ. އެހެން ނަމަވެސް، އެންމެ ލަސްވެގެން ވެސް އެ މަސައްކަތްތައް 31 ޖުލައި 2025 ގެ ކުރިން ނިންމަން ފީފާއިން ޝަރުތު ކޮށްފައިވެ އެވެ.

އެފްއޭއެމް ފީފީއިން އެކުލަވާލާ ހާއްސަ ކޮމިޓީއެއްގެ މެމްބަރުންނާ ހަވާލުކުރަން ނިންމާފައިވާ އިރު، އެ މެމްބަރުން އައްޔަން ކުރާނީ ފީފާއިން ހާއްސަ ކަންތައްތަކަށް ބަލައި، ހާއްސަ ރިވިއުތަކެއް ހެދުމަށްފަހު، ފީފާގެ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށް ވެސް ފީފާއިން ބުނެފައިވެ އެވެ. އޭގެ އިތުރުން މިކަމުގައި އޭއެފްސީގެ މަޝްވަރާ ވެސް ބޭނުންކުރާނެ ކަމަށް ބުނެފައިވެ އެވެ.

އެފްއޭއެމްގެ ރައީސްއަކަށް ހުންނެވި ބައްސާމު ވެސް ވަނީ މީގެ ކުރިން ފީފާ އިން ސަސްޕެންޑް ކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަށް ސަރުކާރުން ތަހުގީގު ކުރަން ފެށުމުންނެވެ. އަދި މި އަހަރު އެފްއޭއެމުން ބާއްވަން އުޅުނު އިންތިހާބުވެސް ފީފާ އިން ވަނީ ހުއްޓުވާފަ އެވެ.