މަޝްހޫރު ސުޕަ މޮޑެލް ބެލާ ހަދީދް ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރާތީ އެޑިޑާސް އިން އޭނާއާ އެކު ހަދާފައިވާ މާކެޓިން ކެމްޕެއިން އެއްބަސްވުމެއް އުވާލައިފި އެވެ.

އެޑިޑާސް އިން ބެލާއާ އެކު މަސައްކަތްކުރީ 1972ގެ އޮލިމްޕިކްސްގައި ބޭނުން ކުރި ބޫޓެއްގެ ޑިޒައިނަށް އުފައްދާފައިވާ އާ ބޫޓެއް އިޝްތިހާރު ކުރާށެވެ.

އެހެން ނަމަވެސް 1972ގެ އެ އޮލިމްޕިކްސްގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތަކުން އިޒްރޭލުގެ ކުޅުންތެރިންތަކެއް މަރާލާފައިވާތީ އެ ގައުމުން ވަނީ އެޑިޑާސްގެ އެ ނިންމުމަށް ފާޑުކިޔައިފަ އެވެ.

އެއާއެކު ދެން ފެނިގެން ދިޔައީ ބެލާ އެ ކެމްޕެއިނުން ވަކިކުރި މަންޒަރެވެ. އެޑިޑާސްއަކީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ތާއީދުކުރާ ބްރޭންޑެއްގެ ގޮތުގައި ވަނީ ހަބަރު ފެތުރިފަ އެވެ.

އެޑިޑާސްގެ ކެމްޕެއިނަށް ބެލާ ނަގާފައިވާ ފޮޓޯއެއް

އެ ކެމްޕެއިނުން ބެލާ ވަކިކުރި ނަމަވެސް އޭނާގެ ދިފާއުގައި ވަކާލާތު ކުރަން ގާނޫނީ ވަކީލުން އައްޔަން ކުރިކަމަށް ހަބަރުތައް ފެތުރުމުން އެޑިޑާސް އިން ވަނީ ބެލާގެ ކިބައިން މައާފަށް އެދިފަ އެވެ.

އެޑިޑާސް އިން ބުނީ އެ ކުންފުނީގެ ނިންމުން އަލުން މުރާޖައާ ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ބެލާއަށާއި ދުނިޔޭގެ "ވަކި މުޖުތަމައުއަކަށް" ނޭދެވޭ އަސަރެއް ކުރިނަމަ މައާފަށް އެދޭ ކަމަށެވެ.

ނަސްލީ ގޮތުން ފަލަސްތީނާ ގުޅިފައިވާ ބެލާ ހަދީދްއަކީ ފާޅުގައި އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ މަދު ތަރިންގެ ތެރެއިން ތަރި އެކެވެ.