ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރުވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ މައުލޫމާތު އާންމު ކުރި ލިސްޓްގައި ރައީސުލް ޖުމްހޫރިއްޔާގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް އަދި ވިޔަފާރި ވެރިޔާ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ފިހާރަތަށް ހިންގާ ރެޑްވޭވް ކުންފުނި ވެސް ހިމެނިއްޖެ އެވެ.

ރައީސްގެ އެޑްވަޒަރު ޖަނާހްގެ ކުންފުނިން ދައުލަތަކަށް 12.5 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން ހާމަވެ އެވެ. ޖަނާހް އާއި ޖަނާހްގެ ދަރިކަނބަލުން އައިޝާ ނޫރައިންގެ ހިއްސާ އޮންނަ ކުންފުނި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އިން 11,161,150 ރުފިޔާ ބިދޭސީ މަސައްކަތްތެރިންގެ ވޯކް ޕާމިޓް ފީއަށް ނުދައްކާ އޮތްއިރު، 1,406,000 ރުފިޔާ ކޯޓާ ފީއަށް ނުދައްކާ އޮތެވެ.

މެންބަރު ސަލީމްގެ ރެޑްވޭވް ކުންފުނިން ނުދައްކާ އޮތީ 169,828 ރުފިޔާ އެވެ.

މީގެ އިތުރުން މަޝްހޫރި ބޮޑެތި ކުންފުނިތައް މި ލިސްޓްގައި ހިމެނޭއިރު، މީދު ދާއިރާގެ މަޖިލިސް މެންބަރު އަދި ވިޔަފާރި ވެރިޔާ އަހުމަދު ޝިޔާމް މުހައްމަދު (ސަންޓްރެވަލް ޝިޔާމް) ގެ އާއިލީ ކުންފުނި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ވެސް މި ލިސްޓްގައި ހިމެނެ އެވެ. ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ސްވިފްޓް އިންޖިނިއަރިން އާއި އިތުރު ކުންފުންޏެއް ވެސް ލިސްޓްގައި ހިމެނޭއިރު ދެ ކުންފުނިން އެއްކޮށް ދައުލަތަށް ދައްކަންޖެހޭ އަދަދު 1.5 މިލިއަނަށް އަރަ އެވެ. އުމަރު ނަސީރުގެ އާއިލީ ކުންފުނި އެލާމްސް ވެސް ލިސްޓްގައި ހިމަނާފައިވެ އެވެ.

ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު އިބްރާހިމް ހުސައިންގެ ކުންފުނި ޑްރީމްސް ހޯލްޑިންގް ވެސް މި ލިސްޓްގައި ހިމެނެ އެވެ. އެ ކުންފުނިން 771,928 ރުފިޔާ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުދައްކާ އެބަ އޮތެވެ.

މި ލިސްޓުގައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާ ވެސް 26.8 މިލިޔަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ. މީގެ ތެރޭގައި ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި، ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހޭ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނެ އެވެ.

ހޯމް މިނިސްޓްރީން ވަނީ މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަންގަވާފަ އެވެ. މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.