ބްރިޖުން (ޓޯލް) ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ރޭ އިފްތިތާހު ކުރި މާލެފަހި ޕްލޭންގައި ސިނަމާލެ ބުރިޖުން ޓޯލް ނަގަން ނިންމާފައި ވާކަމަށް އިއުލާން ކުރުމާ ގުޅިގެން އާންމުންގެ ފާޑު ކިޔުން އަމާޒުވުމުން، އެއީ ރައީސްގެ ސިޔާސަތެއް ނޫންކަމަށް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު އެކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރިޖުން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި ރޭގައި އިއުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ ރައީސަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.

އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލުވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ބުރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޯގަސްޓު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރޭގެ ރަސްމިއްޔާތުގައި ވަނީ އިއުލާން ކޮށްފަ އެވެ.

މިނިސްޓްރީތަކުން އެފަދަ ޕްލޭންތައް މިހާތަނަށް އިއުލާން ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދަވާ ކެބިނެޓް މީޓިންތަކުގައި މަޝްވަރާ ކުރެވި ރުހުން ލިބިގެންނެވެ. ނަމަވެސް މިފަހަރު މިވަނީ ރައީސްގެ ސިޔާސަތާއި ދެކޮޅު ސިޔާސަތެއް ޓްރާންސްޕޯޓު މިނިސްޓްރީއަށް އިއުލާން ކުރެވިފަ އެވެ.

ރައީސް މުއިއްޒު ވަނީ ރިޔާސީ ކެމްޕެންތެރޭގައި ވެސް ޕީއެންސީގެ ސަރުކާރެއްގައި ބުރިޖުން ފީނަގާނެ ކަމަށް ދެކެވުނު ވާހަކަތައް ދޮގު ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.