ޑޯނިއާ މަތިންދާ ބޯޓު އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ބަލިމީހުން އުފުލުމުގެ ހިދުމަތް މަދަނީ މީހުންނާއެކު އަލުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ޑޯނިއާ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފްއިން ފޯރުކޮށްދެމުންދިޔަ ސިއްހީ އަވަސްފަރުވާ ދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ހިދުމަތް (މެޑިކަލް އިވަކުއޭޝަން)، ސިވިލްކުރޫއިންނާއެކު މިހާރު ފަށާފައިވާ ކަމަށެވެ.

މިފަހަރު ދަތުރުތައް ފަށާފައި މިވަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރަން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު މަދަނީންނާއެކު އެވެ.

ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަދަނީ މީހުންނާއެކު އިއްޔެ ފުރަތަމަ ފްލައިޓުގައި ބަލި މީހަކު އުފުލީ ހދ. ހަނިމާދޫން މާލެއަށް ކަމަށެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަށް މި ހިދުމަތް ސަރުކާރުން މެދުކަނޑާލި އެވެ. ޑޯނިއާ ފްލައިޓު އޮޕަރޭޓު ނުކޮށް ގިނަ ދުވަސްތަކެއް ވުމުން، އެކަމާ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ވައުދުފުޅާ އެއްގޮތަށް ރާއްޖެއިން މިހާރުވަނީ އިންޑިއާ އަސްކަރީ ސިފައިން އެކީ ފައިބައިފާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ތިބި 76 އިންޑިއާގެ ސިފައިން ފޮނުވާލުމަށްފަހު ބަދަލުގައި، އެ ގައުމުގެ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމަށް ގެނައި މަދަނީން ރާއްޖެއިން ފައިބަން އެއްބަސްވެފައި ވަނީ 2026ގައި ކަމަށް ސަރުކާރުން ބުނެ އެވެ.