ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ހިއްސާކޮށްފައިވާ މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަންގައި، ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިން ތިން ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއް ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ. މި މައްސަލަ އިމިގްރޭޝަނުން ތަހްގީގު ކުރަމުންދާއިރު މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަންކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރެ އެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ވެސް މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ގަވާއިދާއި ހިލާފަށް މަސައްކަތްކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ގަވާއިދާ ހުލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މިފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 130 އަށްވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށް ގެންގޮސްފަ އެވެ.