ބީއެމްއެލްގެ އެކައުންޓްގައި ފައިސާ ރައްކާކޮށްފައި ބެހެއްޓުން ރައްކާތެރިނޫން ކަމަށް ކަމަށް ބުނެ އެ ބޭންކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހުން ބުނެފައި ވަނީ ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކު ކަމަށްވާއިރު، ބޭންކުގެ އިހުމާލުން ހިނގާ ކަންކަމާ ހެދި އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"ކިހިނެތް އަހަރެމެން ތިޔަ ބޭންކަށް އިތުބާރުކުރާނީ. ކޮބާ މާލީ ގެއްލުމެއް ނުލިބޭ ބުނުމުގެ މާނައަކީ؟ ކިހިނެތް ވެގެން މީހެއްގެ އަތުން ހެދުނު ގޯހެކޭ ތި ކިޔަނީ،" އިއްޔެ ދިމާވި މައްސަލައާ ގުޅިގެން އެ ބޭންކުން ކުރި ޕޯސްޓަށް މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.
ލިލީ ބީޗް ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފެއްގެ އެކައުންޓަށް 77 ބިލިއަން ޑޮލަރު ޖަމާވެ އަދި އެހެން ބައެއް މީހުންގެ އެކައުންޓްތަކަށް ވެސް ގިނަ އަދަދެއްގެ ފައިސާ ބީއެމްއެލް އިން އޮޅިގެން ޖަމާވި ކަމަށް އެއްބަސްވެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ބޭންކުގެ ޕޯސްޓަށް ކޮމެންޓްކުރި އެހެން މީހަކު ބުނެފައި ވަނީ މިކަމުގައި ބޭންކުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އަދި އެ ޓްރާންސެކްޝަން ކެންސަލް ކުރީ ކޯޓު އަމުރެއްގެ ދަށުންތޯ އެހެން މީހަކު ސުވާލުކޮށްފައިވެ އެވެ.
"އިންސާނީ ކުށަކުން ބޭންކަށް ކުރެވޭ ޓްރާންސެކްޝަންތައް ބޭންކުން ބޭނުންވީމާ ރުޖޫއަށްކޮށްލެވޭ. އަހަރުމެން އާންމު މީހާއަށް އިންސާނީ ކުށަކުން ލިންކަކަށް ފިތިގެންވެސް އަދި އެ ނޫންގޮތަކުން ވެސް އޮޅިގެން ޓްރާންސެކްޝަނެއް ކުރެވުނަސް އެ ފައިސާ އަނބުރާ ލިބޭގޮތެއް ނޯވޭ، އަދި ނުވިތާކަށް ސްކޭމެއް ކޮށްގެން ފައިސާ އެކި ދިމަދިމާއަށް ފޮނުވާ އެކައުންޓް ދޮވެލާއިރުވެސް އަދި އެއިން ބައެއް އެ ފޮނުވާ އެކައުންޓްތަކުގަ ހުއްޓަސް އެ ޓްރާންސެކްޝަންތައް އަނބުރާ ރުޖޫއަ ކުރެވޭނެ ގޮތެއް ހަމަ ހިލާ ނޯވޭ،" އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.
އެހެން މީހަކު ބުނެފައި ވަނީ "އެއް ކަމެއް ތަކުރާރުކޮށް ކުރާތީ މާފެއްނެތް. އިތުބާރު ގެއްލިއްޖެ" ކަމަށެވެ.
އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ބުނީ އޮޅިގެން އެކިކަން ކުރުމަކީ ބީއެމްއެލްގެ އާއްމު ކަމެއް ކަމަށެވެ.
"ބީއެމްއެލްގެ ސިސްޓަމްތައް ރައްކާތެރިއެއް ނޫން. އެކަން މިއަދު އެނގެން މިދިޔައީ،" މީހަކު ކޮމެންޓްކޮށްފައިވެ އެވެ.
އެ ޕޯސްޓަށް ކޮމެންޓްކުރި އެހެން މީހަކު ބުނެފައި ވަނީ ބީއެމްއެލްގެ އިހުމާލުން އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމާ ހެދި އެ ބޭންކު ދޫކޮށް އެހެން ބޭންކުތަކުގައި އެކައުންޓް ހުޅުވަން ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.
ބީއެމްއެލް އިން އޮޅިގެން 77 ބިލިއަން ޑޮލަރު ބައެއް މީހުންގެ އެކައުންޓަށް ޖަމާވުމުން ބޭންކުގެ މުޅި ސިސްޓަމް ޑައުންކޮށްލިއިރު، މަކަރާއި ހީލަތުން ރައްޔިތުންގެ އަތުން ސްކޭމަރުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމުން އެންމެ ކުޑަމިކުން އެ ފައިސާ ދައުރުވި އެކައުންޓްތައް ބްލޮކްކޮށްލާކަށް ވެސް ނުކެރުނު ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
"ކިހާ ތަކުލީފެއް ރައްޔިތުން އުފުލައިފިތޯ. މުޅި އުމުރު ދުވަހު ކުރި މަސައްކަތުން ހޯދި ފައިސާ ސްކޭމަރުން މަކަރާއި ހީލަތުން ފޭރިގަތްއިރު، ބީއެމްއެލް އިން ބުނަމުން ދިޔައީ ތިމަންނަ މެންގެ މައްސަލައެއް ނޫނޭއެއީ. އެކަމަށް ބޭންކުން ދެމުން ދިޔައީ ބީރު ކަންފަތެއް. މިއަދު އެބޭފުޅުންނަށް އޮޅިގެން ފައިސާ ޖަމާކުރެވުނީމަ މުޅި ބޭންކުގެ ހިދުމަތް ހުއްޓުމަކަށް ގެނައީ. މިއީ ކޮންކަހަލަ ހަމައެއްތޯ،" ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރި މީހަކު ބުންޏެވެ.
ބީއެމްއެލްގެ އެކައުންޓްތަކުގައި ހުރި ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ފައިސާ ނުހައްގުން ފޭރެމުންދިޔުމުން ރައްޔިތުން ކުރަމުންދިޔަ ޝަކުވާތަކަށް ބީރު ކަންފަތެއް ދިން ބޭންކެއްގައި ފައިސާ ރައްކާކޮށްގެން ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ފޭސްބުކުގައި ޝުއޫރުފާޅުކުރި ބީއެމްއެލްގެ ކަސްޓަމަރަކު ބުނީ އޭނާގެ އެކައުންޓުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައެއް ބޭންކަށް ރިޕޯޓް ކުރުމުން ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ބުނިތާ މަހެއް ފާއިތުވެގެން ދިޔައިރު ވެސް އެ ފައިސާ އަނބުރާ ލިބިފައި ނުވާ ކަމަށެވެ.
"ދިވެހިންގެ ބޭންކް ނަމެއްގައި. އެހެނަސް ހަމައެއް ލަމައެއްނެތި ލޫޓުވަމުން ގެންދަނީ ހަމަ ދިވެހިން. އެކައުންޓުން ފައިސާ ގެއްލިގެން ގުޅީމަ ކޯލް ސެންޓަރުން ބުނެލާ ބަސްތަކަކީ ޓީމުން މަސައްކަތް ކުރަމުންނޭ ގެންދަނީ ވަރަށް އަވަހަށް ހައްލު ލިބިގެން ދާނެޔޭ އެކަމަކު މަހެއް ފާއިތު ވެގެން ދާއިރުވެސް ހައްލު ކުރެވޭ ކަމަކަށް ނުވޭ،" އޭނާ ބުންޏެވެ.
އިއްޔެ ހިނގި ހާދިސާއާ ގުޅިގެން ފޭސްބުކްގައި ވިޔަފާރިވެރިއަކު ބުނެފައި ވަނީ ބީއެމްއެލްގައި މިހާރު ފައިސާ ރައްކާކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެއީ އެކައުންޓުގައި ހުއްޓާ ބޭންކުގެ އިހުމާލުން ފައިސާއެއް ގެއްލުނަސް ބޭންކުން ޒިންމާ ނުވާ ކަމަށް ވެސް އެ މީހާ ބުނެފައިވެ އެވެ.
"ބީއެމްއެލްއާ މެދު މިހާރު އެއްވެސް އިތުބާރެއް ނެތް. ގިނަ މީހުން އެކައުންޓް ގެންގުޅެނީ ބޭންކިން ނިޒާމް ރޭވިފައިވާ ގޮތުން ހުރިހާ މޮޅެއް އެ ބޭންކަށް ލިބޭ ގޮތަށް ރާވާފައި އޮންނާތީ،" އެ މީހާ ބުނެފައިވެ އެވެ.
މިފަދަ އެތަކެއް ސަބަބުތައް އެހެން ހުރުމުން ސޯޝަލް މީޑިއާގައި އެތައް ހާސް ބަޔަކު ގޮވާލަމުން ދަނީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތައް ބަންދުކޮށް އެހެން ބޭންކެއްގައި އެކައުންޓް ހުޅުވުމަށެވެ.