މި ހަފްތާއަކީ މި އަހަރުގެ ބައިނަލްއަގްވާމީ ގާތުން ކިރުދިނުމުގެ ހަފްތާ އެވެ. މިއީ ގާތުން ކިރު ދިނުމަށް މައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ.
މިފަދަ ހަފްތާއެއް ފާހަގަކުރާއިރު ގާތުން ކިރު ދިނުމުގެ ފައިދާތަކާއި އެކަން ކުރަންވީ ސަބަބުތައް އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭތީ އެކަމަށް އަލިއަޅުވާލާނަމެވެ.
ގާތުން ދޭ ކިރުން ކުޑަ ދަރިފުޅަށް ލިބޭ ފައިދާތަކަށް ބަލާއިރު ތުއްތު ދަރިފުޅަށް ބޭނުންވާ މާއްދާތައް ލިއްބައިދިނުމާއި ހެދިބޮޑުވުމުގައި އެހީތެރިވުން ހިމެނެ އެވެ. އޭގެ އިތުރުން ވެސް ގާތުން ކިރުދިނުމަކީ މައިމީހާއާއި ދަރިފުޅުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ ދިގު މުއްދަތުގައި ވެސް އެކަމުން ފައިދާ ކުރާނެ ކަމެކެވެ.
މީގެ އިތުރުން ގާތުން ކިރު ދިނުމަކީ މައިމީހާގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ވެސް ފައިދާތަކެއް ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ހޯދިފައިވެ އެވެ.
އެގޮތުން މައިމީހާގެ ހަށިގަނޑުގައި ސްޓްރެސް ހޯމޯން ދަށްވެ ނަފްސާނީ ސިއްހަތު ރަނގަޅުވާއިރު މާބަނޑު ދުވަސްވަރު އިތުރުވި ބަރުދަން ލުއި ކުރަން ވެސް އެކަމުން އެހީވެދެ އެވެ.
ގާތުން ކިރުދިނުމުން މައިމީހާއަށާއި ދަރިފުޅަށް ލިބޭ ފައިދާތަކަށް ބަލާއިރު ސިއްހަތު ސަލާމަތުން ހުރި ކޮންމެ މަޔަކުވެސް މިގޮތް އިހުތިޔާރު ކުރަން ޑޮކްޓަރުން ލަފާދެ އެވެ.