އުމުރުން ދުވަސްވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން އަޅުގަނޑުމެންގެ ހަމުގެ ވައްތަރަށް އެކި ކަހަލަ ބަދަލުތައް އާދެ އެވެ.
އެހެންކަމުން މީގެ ކުރިން ބޭނުން ކުރަމުން އައި ސްކިންކެއާ އުފެއްދުންތަކަކީ މިހާރު ތިމާގެ ހަމަށް އެންމެ އެކަށީގެންވާ އުފެއްދުންތަކަކަށް ނުވެދާނެ އެވެ.
ތިމާގެ ހަންގަނޑަށް ބަދަލުތަކެއް އައިސްފައިވާ ކަމާއި، ސްކިންކެއާ ރޫޓިން ބަދަލު ކުރަން ޖެހިއްޖެކަން އަންގައިދޭ މުހިއްމު ފަސް ނިޝާނެއްވެ އެވެ.
1. މޫނު ދޮވުމަށްފަހު ހަންގަނޑު ވަރަށް ބޮޑަށް ހިއްކުން ނުވަތަ ދުޅަވުން
މީގެ ކުރިން މޫނު ދޮވުމުން ހަންގަނޑު ވަރަށް އާދައިގެ ގޮތަކަށް ހުއްޓަސް، މިހާރު މޫނު ދޮވުމަށްފަހު ހަންގަނޑު ވަރަށް ބޮޑަށް ހިކި ވާންވާ ކަހަލަ ގޮތެއް ވޭ ހެއްޔެވެ؟ މިއީ މިހާރު ބޭނުންކުރާ ފޭސް ވޮޝް މާ ބޮޑަށް ވަރުގަދަ ވެފައި، ހަންގަނޑުގެ ތެތްކަން ނައްތާލާ ކަމުގެ ހެއްކެކެވެ. މިއާއެކު މޮއިސްޗަރައިޒިން ލެވެލް ވަނީ ދަށްވެފަ އެވެ.
2. ކުއްލިއަކަށް މޫނުގެ އޮފްކަން ކެނޑި، ތެޔޮ ނުވަތަ ހިކިވުން އިތުރުވުން
ހަންގަނޑު އާންމުކޮށް ހުންނަ ގޮތާ ހިލާފަށް ކުއްލިއަކަށް މާ ބޮޑަށް ތެޔޮވާން ފަށައިފިނަމަ އެއީ ސްކިންކެއާ ރޫޓިން ބަދަލު ކުރަން ޖެހިއްޖެކަމުގެ ރަތް ރަނގަބީލެކެވެ. ހޯމޯންއަށް އަންނަ ބަދަލުތަކާއި، އުމުރު މައްޗަށް ދިއުމުގެ ސަބަބުން ހަންގަނޑުން ތެޔޮ އުފައްދާ މިންވަރު ބަދަލުވެ އެވެ.
3. ބޭނުންކުރާ އުފެއްދުންތަކުން ހަންގަނޑަށް އެކަށީގެންވާ އަސަރެއް ނުކުރުން
ކުރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ސިރަމް ނުވަތަ ކްރީމެއް މިހާރު ހަމަށް އެއްވެސް އަސަރެއް ނުކުރާނަމަ، ހަންގަނޑުގެ ބޭނުންތައް ބަދަލުވެފައިވާކަން އެނގެ އެވެ. މިސާލަކަށް، އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަންގަނޑަށް އިތުރު ޒުވާންކަމާއި، "އެންޓި-އޭޖިން" މާއްދާތަކާއި، އިތުރު ތެތްކަން ބޭނުންވެ އެވެ.
4. މޫނު ކުއްލިއަކަށް ރަތްވުމާއި، ހިރުވުން ނުވަތަ ނާޒުކުވުން
ކުރިން އެއްވެސް މައްސަލައެއް ނެތި ބޭނުންކުރި އުފެއްދުންތަކުން މިހާރު މޫނު ރަތްވެ، ހިރުވާ ނުވަތަ ހަލާކުވާނަމަ މިއީ ހަމުގެ ނާޒުކު ފަށަލައަށް ގެއްލުންވެ، ހަންގަނޑު މާ ބޮޑަށް ނާޒުކު ވެފައިވާ ކަމުގެ ނިޝާނެކެވެ. މިފަދަ ހާލަތެއްގައި ބޭނުން ކުރަން ޖެހޭނީ ވަރަށް "ޖެންޓަލް" އުފެއްދުންތަކެވެ.
5. މޫނުން ބިހި ނެގުމާއި ލައްތައް ފާޅުވުން
ޒުވާން އުމުރު ފަހަނައަޅާ ދާ ފަހުންވެސް ކުއްލިއަކަށް މޫނުގައި ބިހި ނަގަން ފަށައިފިނަމަ، އެއީ ސްޓްރެސްގެ ސަބަބުން، ނުވަތަ ބޭނުންކުރާ ސްކިންކެއާ އުފެއްދުންތައް ހަމަށް ނުގުޅޭތީ ވާކަމަކަށް ވެދާނެ އެވެ. ހަމުގެ "ޕޯސް"ތައް ބެދޭ ފަދަ އުފެއްދުންތައް ބޭނުން ކުރެވެމުން ދާނަމަ ރޫޓިން ލުއި ކޮށްލަން ޖެހެ އެވެ.
ހަންގަނޑަށް އަންނަ މިފަދަ ބަދަލުތަކާ އެއްގޮތަށް ސްކިންކެއާ ރޫޓިން އަށް ބަދަލު ގެނައުމަކީ އަބަދުވެސް ދުޅަހެޔޮ އޮމާން ހަމެއް ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.