ޗައިނާ އިން އަފްޣާނިސްތާނަށް 400،000 ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ އެންމެ އިސްފަރާތް ކަމަށްވާ ގުލާމް ދަސްތަގްރީ ނަޒާރީ ވިދާޅުވިގޮތުގައި ޗައިނާއިން އަފްގާނިސްތާނަށް ކަނޑައަޅަފައިވާ އެމްބެސެޑަރު ހެލްތް މިނިސްޓްރީ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޗައިނާ އިން ކޮވިޑް ވެކްސިނާއި ދެކޮޅަށް ބޭނުންކުރުމަށް އުފެއްދި ސިނޮޕާމް ވެކްސިންގެ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ޗައިނާގެ ސިނޮޕާމް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.

ނަޒާރީ ބުނި ވިދާޅުވީ ވެކްސިން ލިބޭނެ ދުވަހެއް ބުނަން ދަތިކަމަށާއި މިހާރު ކުރިއަށްދަނީ އެކަމާ ގުޅިގެން ދެން ހަމަޖައްސަން ޖެހޭ ކަންކަން ކުރުން ކަމަށެވެ.

އަފްޣާނިސްތާނުން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް މިދިޔަ ހަފްތާގައި ފަށައިފަ އެވެ. މިހާތަނަށް އެ ގައުމުގެ 34 ޕްރޮވިންސެއްގެ 12،000 ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ދީފައިވާކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ބުންޏެވެ.

އަފްޣާނިސްތާނުގެ ސިފައިންނާއި ފުލުހުންނަށް ވެސް ވެކްސިން ދޭން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

އަފްޣާނިސްތާނުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފައްޓާފައި ވަނީ އިންޑިއާއިން ފޯރުކޮށްދިން 500،000 ޑޯޒްގެ އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިނާ އެއްކޮށެވެ.

އަފްޣާނިސްތާނުގެ ހެލްތް އޮފިޝަލުން ވިދާޅުވިގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ކޯވެކްސް ޕްރޮގްރާމްގެ ތެރެއިން އެ ގައުމުގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ އެވެ.

އަފްޣާނިސްތާނުގައި ވަނީ ކޮވިޑް ރޯގާ އަށް 55،733 މީހުން ޕޮސިޓިވްވި ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި މީގެ ތެރެއިން 2،444 މީހުން މަރުވެފައިވެ އެވެ. ނަމަވެސް އޮފިޝަލުން ބުނިގޮތުގައި މި އަދަދަކީ އެންމެ ރަނގަޅު އަދަދެއް ނޫނެ އެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ކޮވިޑަށް ޓެސްޓް ކުރުން ފަދަ ކަންކަން އެންމެ އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދެވިފައިނުވެ އެވެ.