ރާއްޖޭގެ ތާރީހުގައި އަލަށް އަންހެން ބޭފުޅަކު ލިޔުއްވި ޚުތުބާއާއެކު އުސްތާޛާ ޙައްވާ ލަތީފްއަށް ސޯޝަލް އެންޑް ފެމިލީގެ ވަޒީރު އައިޝަތު ޝިހާމް މަރުހަބާ ދަންނަވައިފި އެވެ.

މިއަދުގެ ހުތުބާ ލިޔުއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ނައިބު ހައްވާ ލަތީފެވެ. އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގަ އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިއަކު ހުތުބާ ލިއުއްވިކަން ފާހަގަ ކުރައްވާ މިއަދު އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މިއަދަކީ އަންހެން ބޭފުޅަކު ލިއުއްވާފައިވާ ހުކުރު ހުތުބާ އަޑުއިވިގެން ދިޔަ ތާރީހީ ދުވަހެއް ކަމަށެވެ. ހުތުބާ ބިނާކުރައްވާފައިވަނީ އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވަނީ ހުރިހާ ދާއިރާއަކުން އަންހެންނަކީ ގަދަރުވެރި ޝަރަފުވެރި ހަމަހަމަ ފުރުސަތުތައް ލިބިގެންވާ ބަޔަކަށް ހެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިފަދަ ކަމެއް ނިންމަވާ އެ ފުރުސަތު އަންހެން ބޭފުޅަކަށް ފަހި ކޮށްދެއްވީތީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަށްވެސް އައިޝަތު ޝިހާމް ޝުކުރު އަދާކުރައްވާފަވެ އެވެ.