ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މާލެ ސަރަހައްދަށް އެއް މަހުގެ ވާރޭ ވެހިދާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާ ގުޅޭ މައުލޫމާތު ގެނެސްދެމުން އަލްޖަޒީރާ އިންޓަނޭޝަނަލް އިން ރިޕޯޓްކޮށްފައި ވާގޮތުގައި ރާއްޖޭގެ ވެރިރަށް މާލެ އަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެއް މަސްދުވަހުގެ ވާރޭ ވެހުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.

އާދިއްތައިން ފެށިގެން ކުރިއަށްއޮތް ފަސް ދުވަހު ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ސަމާލުވުމަށް އަންގާފަ އެވެ.

މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، މެޓް އޮފީހުން ވަނީ މިއަދު 15:00 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. އޭގެ ކުރިން މިއަދު ފަތިހު 5:30 އިން ފެށިގެން މިއަދު ހެނދުނު 9:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ވެސް ވަނީ ނެރެފަ އެވެ.

މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

މި ހަފުތާގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.