ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމުގެ ނޯޓިސް ފޮނުވުމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ. މި މައްސަލަ ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
މިއަދު ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލައިގައި ޝަމީމަށް ޖަވާބުދާރީވުމަށް އަދި ކޮމިޓީއަށް ހާޒިރުވުމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފާސްކޮށްފަ އެވެ.
ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ މި ނޯޓިސް މިއަދު ފޮނުވާނެ ކަމަށެވެ.
ޕީޖީ ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާ ފައިލް ކުރަން ނިންމުމާއި، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުމަށް ނިންމުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، އަލަމްގީރު މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން އަދި ވެންޓިލޭޓަރުގެ މައްސަލައިގައި މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުން ހިމެނެ އެވެ.
ސިޔާސީ އެކި ދައުވާތައް އުފުލި ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅިއިރު، އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް ވެސް ދާދިފަހުން މަގާމުން ވަކިކޮށްފައިވެ އެވެ.
ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެހެންކަމުން އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ.
ދައުރު ހަމަވުމުގެ ކުރިން ޝަމީމް މަގާމުން ދުރުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ.