ވިހެއުމަށް ފަހު ހިކެން އޮޒެމްޕިކް ފަދަ ހިކޭ ބޭސްތައް ބޭނުންކުރި ވާހަކަ ކައިލީ ޖެނާ ދޮގުކޮށްފި އެވެ.
ބްރިޓިޝް ވޯގްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާ ބުނި ގޮތުގައި ބަނޑުބޮޑުވި ދެ ފަހަރު ވެސް 200 ޕައުންޑްސް (90 ކިލޯ) އަށް ބަރުވި ކަމަށެވެ.
"އަހަރެންގެ ދަރިން ވިހޭއިރު ވަރަށް ބޮޑު. 8 ޕައުންޑް (3.6 ކިލޯ) އަށް ވުރެ ބޮޑު. ކޮންމެ ފަހަރަކުވެސް އެއްކޮށް ހިކުނިން. އަނެއްކާ ވެސް ބަނޑުބޮޑު ވެގެން ވިހާފައި، އަނެއްކާ ވެސް ހިކުނީ،" އޭނާ ބުންޏެވެ.
ޝޯޝަލް މީޑިއާގައި އޭނާގެ ހަށިގަނޑާ ދޭތެރޭ ދެކޭވޭ ވަހާކަތައް ފެންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"މީހުން ހަނދާން ނެތެނީ ކަންނޭގެ އަހަރެން ދެ ފަހަރު ބަނޑުބޮޑުވިކަން. ކޮންމެ ފަހަރަކުވެސް 60 ފައުންޑް ބަރުވޭ،" ކައިލީ ބުންޏެވެ.
ކައިލީއަކީ އޭނާގެ ހަށިގަނޑާއި ގުޅޭ ކަންކަމުގައި މުޅިން ތެދުވެރި ނުވާ ތަރިއެއްކަން ވަނީ ފޭނުންނަށް ވެސް ފާހަގަވެފަ އެވެ. 2016 ގައި އޭނާގެ ތުންފަތަށް އައި ބަދަލުތަކަކީ އޭނާގެ މޭކަޕުން އައި ބަދަލެއް ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް ފަހުން އެއީ ފިލާ އިންޖެކްޝަން ޖަހައިގެންކަން އޭނާ ވަނީ އެތައް އަހަރެއް ފަހުން އެއްބަސްވެފަ އެވެ.
އޮޒެމްޕިކް ފަދަ އިންޖެކްޝަންތަކަކީ ހޮލީވުޑްގައި ބަރުދަން ލުއިކުރުމަށް ބޭނުން ކުރާ އެއްޗެކެވެ.