ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިނުވާ ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިރޭގެ ޖަލްސާގައި ނެގި ވޯޓުގައި ޝަމީމް މަގާމުން ވަކިކުރަން ފެންނަ ކަމަށް 65 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެށި ވަގުތާ ހަމައަށް ވެސް އޭނާގެ އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ވޯޓު ނެގުން ނޫންގޮތެއް ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތައް އަނބުރާ ގެންދިޔުން ހިމެނެ އެވެ. އަދި ރާއްޖެއިން ބޭރުގެ ރައްޓެއްސަކު ބަނގުރާފުޅިއެއް ހަދިޔާކުރުމުން އެ ފުޅިއާއެކު ފޮޓޯއެއް ނަގައި އަމިއްލަ އެކްސް އެކައުންޓްގައި ޝެއާކުރި ކަމަށް ޖުޑިޝަރީ ކޮމިޓީގައި އިއުތިރާފުވެވަޑައިގެންފައިވުން ހިމެނޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ މެމްބަރުން ވިދާޅުވި އެވެ.
މަގާމުން ވަކިކުރަން އުޅޭތީ ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.