ކުއާލަ ލަމްޕޫރު (އޮގަސްޓް 26) - މެލޭޝިއާގެ ވެރިރަށުގެ ޖަލަން މަސްޖިދު އިންޑިއާ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ސިންކްހޯލެއް އުފެދި އިންޑިއާ އަންހެނަކު ގެއްލުނު ހިސާބުގަނޑުގައި މިދިޔަ އަހަރު ވެސް ސިންކްހޯލެއް އުފެދުނު ކަމަށް ރިޕޯޓްކޮށްފި އެވެ.

މެލޭޝިއާ ފުލުހުންގެ ވެރިޔާ ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެ ފަހަރު އުފެދުނު ސިންކްހޯލް ރިޕެއާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އުފެދުނު ސިންކްހޯލަށް އެއްވެސް މީހަކު ވެއްޓި ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މި ފަހަރު އެ މައްސަލަ އެހާ ބޮޑުވެފައި ވަނީ ސިންކްހޯލަށް މީހަކު ވެއްޓި ގެއްލުނުތާ ތިން ދުވަސްވީ އިރު ވެސް އެމީހާގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. އިންޑިއާގެ ޓޫރިސްޓެއް ކަމަށްވާ އުމުރުން 48 އަހަރުގެ އެ އަންހެން މީހާ ހޯދަން ރެސްކިއު ޓީމުތަކުން ކުރާ މަސައްކަތުން އަދި މިހާތަނަށް އުއްމީދެއް ލިބިފައެއް ނުވެ އެވެ.

ކުއާލަ ލަމްޕޫރުގެ މޭޔަރު ވިދާޅުވީ ސިންކްހޯލަކަށް މީހަކު ވެއްޓި ގެއްލުނު ނަމަވެސް މެލޭޝިއާގެ ވެރިރަށަކީ ދިރިއުޅެން ވަރަށް ރައްކާތެރި ކަމެއް ކަމަށެވެ. އަދި އެކަމާ އެއްވެސް ބަޔަކު ބިރު ނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.