އުއްތަރު ޕްރެދޭޝް (4 މާޗް) - އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އުތުރުން އޮންނަ ޑިސްޓްރިކްޓެއްގައި ބައްޕައަކު އޭނާ ނުރުހޭ މީހަކާ އަންހެން ދަރިފުޅު ހިތާވުމުން ބޯ ކަނޑާލައިފި އެވެ.
ސަވޭޝް ކުމާރު ކިޔާ މި މީހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ އަންހެން ދަރިފުޅުގެ ބޯ ހިފައިގެން ޕޮލިސް ސްޓޭޝަނަށް ހިނގާފައި ދަނިކޮށެވެ.
ފުލުހުން ކުރި ވީޑިއޯއެއްގައި އެ މީހާ އޭނާގެ އަންހެން ދަރިފުޅުގެ ބޯ ބުރިކޮށްފައި ވަނީ އޭނާ ހިންހަމަނުޖެހޭ މީހަކާ އަންހެން ދަރިފުޅު ހިތާވެގެން އުޅޭތީ ކަމަށް ބުނެ އެވެ. އަދި އަންހެން ދަރިފުޅުގެ ބޯ ބުރިކޮށްފައިވަނީ ގޭގައި އެކަނި އުޅެނިކޮށް ކަމަށާއި، ކޮޓަރިއަކަށް ލައި ތަޅުލައި ތޫނު ވަޅިއަކުން ބޯބުރިކޮށްފައިވާ ކަމަށް ބުނެ އެވެ.
ފުލުހުން ބުނީ މިހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ތަހުގީގުގައި ހަރަކާތްތެރިވާ ފުލުހަކު އޮންނަ އުސޫލުތަކާ ހިލާފަށް ހެކި ގެންގުޅުނު ކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއާގައި އާއިލާ މީހުން ނުރެހޭ މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމާއި ކައިވެނިކުރުމުން ކޮންމެ އަހަރަކު ވެސް އެތަކެއް ސަތޭކަ މީހުން މަރާލަ އެވެ. މި ފަދަ ކަންކަމަކީ އާއިލާގެ ގަދަރަށްޓަކައި ކުރާ ކަމެއް ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
އިންޑިއާގައި މިދިޔަ އަހަރު މިފަދަ މަރުތައް އެންމެ ގިނައިން ހިނގާފާއި ވަނީ އުއްތަރު ޕްރަދޭޝްގަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ވަނީ މިފަދަ މަރުގެ މައްސަލައެއްގައި ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.