ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫންކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު މިހެން ވިދާޅުވެފައި މިވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސިލްސިލާކޮށް އިހްތިޖާޖް ކުރަމުންދިޔަ ދެ އަންހެނުން ހައްޔަރުކުރުމާއި ގުޅިގެން އާންމުން ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫންކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވަނީ އެކަން ކުށްވެރިކުރައްވާ އެމީހުން ދުކޮށްލުމަށް ގޮވާލައްވާފަ އެވެ. އަހުމަދު ޒާހިރު ވިދާޅުވީ މި ލޮބުވެތި ފަސްގަނޑުގައި ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަކީ ކުށަކަށް ހަދައި އެފަދަ ފަރާތްތައް، މިއަދުގެ ސަރުކާރުން ހައްޔަރު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ޝަހީމްވަނީ ޒާހިރުއަށްވެސް ރައްދު ދެއްވާފަ އެވެ. ޝަހީމް ވިދާޅުވީ ސަފީރެއްގެ ގެޔަށް ކުނި އެޅުމަކީ ފަލަސްތީނަށް ނަސްރުދިނުން ނޫންކަމަށާއި މީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަން ހިނގާގޮތްނޫން ކަމަށެވެ.

"ރަނގަޅުގޮތް ބުނެދޭން ތިބޭ މީހުން ހަގީގަތް އޮޅުވާލުމަކީ އިސްލާމް ދީނަށް ދެވޭނެ އެންމެ ބޮޑު ގެއްލުން" ޝަހީމު ވިދާޅުވި އެވެ.