ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން މިދިޔަ އަހަރު 22.96 ބިލިޔަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)ގެ ރިޕޯޓަކުން ދައްކައިފި އެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރުން އަހަރަށް ނަގުދު ފައިސާގެ މުއާމަލާތް ކުރާ މިންވަރު ދަށްވެ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މަރުކަޒީ ބޭންކުގެ ޕޭމަންޓް ބްލެޓިން ރިޕޯޓުން ދައްކާގޮތުން މިދިޔަ 5 އަހަރު ވެސް ކާޑު ބޭނުންކޮށްގެން ކުރާ މުޢާމާލާތްތަކުގެ އަދަދު ވަނީ ވަަރަށް ބޮޑަށް އިތުރުވެފަ އެވެ.
ފާއިތުވި 5 އަހަރު ކާޑު ބޭނުންކޮށްގެން ކުރި ޓްރާންސެކްޝަންތަކުގެ އަދަދު:
- 2019 – 27.53 މިލިޔަން ޓްރާންސެކްޝަން
- 2020 – 29.69 މިލިޔަން ޓްރާންސެކްޝަން
- 2021 – 39.19 މިލިޔަން ޓްރާންސެކްޝަން
- 2022 – 45.71 މިލިޔަން ޓްރާންސެކްޝަން
- 2023 – 56.49 މިލިޔަން ޓްރާންސެކްޝަން
ކާޑު ބޭނުންކޮށްގެން ކުރި ޓްރާންސެކްޝަންތަކުގެ ޖުމްލަ ފައިސާގެ އަދަދު:
- 2019 – 11.09 ބިލިޔަން ރުފިޔާ
- 2020 – 11.98 ބިލިޔަން ރުފިޔާ
- 2021 – 16 ބިލިޔަން ރުފިޔާ
- 2022 – 17.92 ބިލިޔަން ރުފިޔާ
- 2023 – 22.96 ބިލިޔަން ރުފިޔާ
އެމްއެމްއޭގެ ޕޭމަންޓް ބްލެޓިން ރިޕޯޓުން ދައްކާގޮތުން މި އަދަދަކީ ޕީއޯއެސް މެޝިން އަދި އޮންލައިންކޮށް ކުރި ޓްރާންސެކްޝަންތަކުގެ އަދަދެވެ. އަދި މިދިޔަ އަހަރު ކާޑު ބޭނުންކޮށްގެން ކުރި 22.96 ބިލިޔަން ރުފިޔާގެ މުއާމަލާތްތަކުގެ ތެރެއިން 85.5 ޕަސެންޓަކީ ޕީއޯއެސް މެޝިން މެދުވެރިކޮށް ހިންގި މުއާމަލާތްތަކެވެ. އަދި 14.5 ޕަސެންޓަކީ އޮންލައިން ޓްރާންސެކްޝަންތައް ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އެކި ބޭންކުތަކުން 831،000 ހާސް ޑެބިޓް ކާޑު ދޫކޮށްފައިވެ އެވެ. އަދި މީގެ ތެރެއިން 58 ޕަސެންޓްކާޑު އަހަރު ނިމުނުއިރު ވެސް ދިޔައީ ބޭނުންކުރަމުންނެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު އާބާދީގެ 410،000 މީހުންގެ ބޭންކް އެކައުންޓެއް އޮވެ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8.7 ޕަސެންޓް އިތުރު އަދަދެކެވެ. އެކައުންޓް ހުޅުވާފައިވާ މީހުންގެ ތެރެއިން 71 ޕަސެންޓްއަކީ ދިވެހިންނެވެ. އަދި 29 ޕަސެންޓްއަކީ ބިދޭސީންނެވެ.