ގައުމިއްޔަތުގެ ދިރާސާތައް ކުރުމަށް ސަރުކާރުން އުފައްދަން ނިންމި ހާއްސަ ކޮލެޖު "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ރައީސް މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފި އެވެ.

ރައީސް މި ކޮލެޖު އިފުތިތާހު ކޮށްދެއްވީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

ދިވެހި ގައުމިއްޔަތުގެ އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެ ފަސްދާއިރާއަކީ، ދިވެހިބަހުގެ ދާއިރާއާއި ދިވެހި ތާރީހާއި ދިވެހި ތަރިކައިގެ ދާއިރާއާއި ދިވެހި ސުމޭކުގެ ދާއިރާ އަދި ދިވެހި ފަންނުގެ ދާއިރާ އެވެ.

މިރަސްމިއްޔާތުގައި ރައީސް ވަނީ ގައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުން ހަވާލުކޮށްދެއްވާފަ އެވެ.

މިކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • ދިވެހިބަހުގެ އިސްވާރު - މަރިޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް
  • ދިވެހި ތާރީހުގެ އިސްވާރުކަން - ކަށިމާ އަހުމަދު ޝާކިރު، މއ. ކަށިމާ
  • ދިވެހިތަރިކައިގެ އިސްވާރުކަން - ޙަސަން ޒަރީރު، ސ. މަރަދޫ ލޮނުފެން
  • ދިވެހި ސުމޭކުގެ އިސްވާރުކަން - މުހައްމަދު އަބްދުލް ގާދިރު ގ. ގޯޅިތެރޭގެ
  • ދިވެހި ފަންނުގެ އިސްވާރުކަން – މަރިޔަމް އިޝާ އަޒީޒު ހ. ހާލި

މިޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިދިޔަ ނުވަ މަސްދުވަހުގެ ތެރޭ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ވިލަރެސްވެރީން ވަނީ ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި އެ ގައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާ ގޮތުގެ ދިރާސާތައް ހަދައިފައި ކަމަށެވެ. އަދި އިލްމީ ފަންނީ އެކި ދާއިރާތަކުން، 800 އަށް ވުރެ ގިނަ ބޭފުޅުންނަށް މިހާރު ވަނީ ދިވެހި ގައުމިއްޔަތުގެ އަސާސީ އަސްލުތައް އިލްމީ ގޮތުގާ ފޯރުކޮށްދީފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ މެންބާޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކަ އާއި ސަގާފަތާއި ތާރީހާ އަމިއްލަވަންތަ އަސްލުތަކަށް އިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަހައްޓަމުން ގެންދިޔުމެވެ. އަދި ދިވެހި ގައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުމެވެ.