ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން ތަރި އިޝާން ކައްތަރުގެ ފުރަތަމަ ހޮލީވުޑް ވެބް ސީރީޒް "ދަ ޕާފެކްޓް ކަޕުލް" ނެޓްފްލިކްސްއިން ދައްކަން ފަށައިފި އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ނެޓްފްލިކްސްއިން ދައްކަން ފަށާފައިވާ މިސީރީޒަކީ ގެއެއްގެ ތެރޭގައި ހިނގާ މަރުގެ ހާދިސާއެއްގެ ތަހުގީގުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވެބް ސީރީޒެކެވެ.

މިސީރީޒްގައި އިޝާންގެ އިތުރުން ހޮލީވުޑްގައި މަޝްހޫރު ތަރިން ކަމަށްވާ ނިކޯލް ކިޑްމަން، އީވް ހެއުސަން، މެގަން ފަހީ، ޑަކޯޓާ ފަނިންގް، ޖެކް ރެއިނާ އަދި މައިކަލް ބީޗް ހިމެނެ އެވެ.

މިސީރީޒްގައި ހިމެނެނީ ހަ އެޕިސޯޑެވެ.

މި ސީރީޒްގައި އޭނާ އަދާކުރާ ރޯލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިޝާން ބުނީ އެ މަސައްކަތަކީ އޭނާއަށް ވަރަށް ހާއްސަ މަސައްކަތެއް ކަމަށާއި ދެކުނު އޭޝިއާގެ އެކްޓަރަކަށް އެ ކެރެކްޓާ ވަރަށް ގުޅޭ ކަމަށެވެ.

https://www.youtube.com/watch?v=FqaeoFOBXWo

މީގެ އިތުރުން ވެސް ތަފާތު ކެރެކްޓަ ރޯލުތައް ކުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އިޝާން ބުނީ ފުރުސަތުތައް ގިނަ ދުވަސްވަރެއްގައި މަސައްކަތް ކުރެވޭތީ އުފާކުރާ ކަމަށެވެ.

އިޝާންއަކީ ރާޖޭޝް ހައްތަރުއާއި ނީލިމާ އާޒިމްގެ ދަރިއެކެވެ. އޭނާއަކީ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އެކެވެ.

އިޝާން މީހުންގެ ސަމާލު ކަމަށް އައިސްފައިވަނީ ޖާންވީ ކަޕޫރާއެކު ފެނިގެން ދިޔަ 2018 ވަނަ އަހަރުގެ ފިލްމު "ދަޅަކް" އިންނެވެ.