އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު އިންޑިއާއިން ފެނިގެން އޭނާ އެކަހެރިކޮށް ފިޔަވަޅުތައް އަޅައިފި އެވެ.
މިހާތަނަށް އިންޑިއާއިން އެމްޕޮސްގެ އާ ވޭރިއަންޓް ފެނިފައެއް ނުވެ އެވެ.
އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވަނީ މިހާރު އެމްޕޮކްސް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން ގައުމަކަށް ދިޔަ އިންޑިއާގެ ޒުވާނެއްކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ ބައްޔަށް ޝައްކުކުރެވޭ މީހާގެ ހާލު ރަނގަޅު ކަމަށާއި އެ މީހާއަށް ޖެހިފައިވަނީ އެމްޕޮކްސްތޯ ކަށަވަރުކުރުމަށް ޓެސްޓުތައް ހަދަމުންދާ ކަމަށެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އެގައުމު އޮތީ އެމްޕޮކްސްއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުއަޅާ ތައްޔާރުވެގެން ކަމަށެވެ.
އެފްރިކާ ސަރަހައްދުގައި ފުރަތަމަ ފެތުރެން ފެށި މި ބަލީގެ އާ ވޭރިއެންޓްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ މަހު ސިއްހީ ކުއްލި ހާލަތެއް އިއުލާންކުރި އެވެ. އޭގެ ފަހުން އެހެން ބައްރުތަކުން ފެނިފައިވާ މަކުނު ވިދުރީގެ ކޭސްތައް އާ ވޭރިއެންޓަށް ޓެސްޓު ކުރަމުން އަންނައިރު، އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް އާ ވޭރިއަންޓް ފެނިފައިވަނީ ތައިލެންޑުންނެވެ.