މަޝްހޫރު ހެއާ ކެއާ ބްރޭންޑް މައެލް އޯގޭނިކްސްގެ ޕްރޮޑަކްޓްތަކުގެ ސަބަބުން ބޮލުން އިސްތަށިފޭބުމަށް މެދުވެރިވާ ވާހަކަ މި ހަފްތާގައި ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.
މިކަމާ ގުޅިގެން މައެލް އޯގޭނިކްސްގެ ސީއީއޯ ވެމޮނިކް ރޮޑްރިގޭޒް ވަނީ އޭނާގެ ހެއާކެއާ ލައިނާ ދެކޮޅަށް ވައިރަލްވެފައިވާ ފާޑުކިޔުންތަކަށް ސޯޝަލް މީޑިއާގައި ރައްދު ދީފަ އެވެ. އެ ވީޑިއޯގައި ރޮޑްރިގޭޒް ވަނީ 2023 ވަނަ އަހަރު ޕްރޮކްޓާ އެންޑް ގެމްބަލް އަށް ވިއްކާލި ނަމަވެސް ފޯމިއުލާތަކަށް ބަދަލެއް ނާންނަކަން ކަށަވަރުކޮށްދީފަ އެވެ.
ޓިކްޓޮކްގައި ވަރަށް ގިނަ ކްރީއޭޓަރުންވަނީ މައެލްގެ ޕްރޮޑަކްޓްތަކާއި ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި ޕްރޮޑަކްޓްތަކުގެ ސަބަބުން އިސްތަށިގަނޑަށް ލިބިފައިވާ ގެއްލުން ދައްކާލާފަ އެވެ.
މައެލްގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އެ ކުންފުނީގެ ރޯސްމެރީ އޮއިލް އެވެ. މި ތެލަކީ ދިވެހިންގެ މެދުގައި ވެސް މަޤްބޫލު ތެލެކެވެ.
މައެލްގެ ޕްރޮޑަކްޓްތަކުގެ ސަބަބުން ލިބުނު ގެއްލުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި މި ކުންފުންޏާ ދެކޮޅަށް ކްލާސް އެކްޝަން ލޯސޫޓެއް ތައްޔާރުކުރާ ކަމަށް ވަނީ ޚަބަރު ލިބިފަ އެވެ. މި ބްރޭންޑް "ކެންސަލް" ކުރުމަށް ގިނަ އަދަދެއްގެ މީހުން ދަނީ ގޮވާލަމުންނެވެ.