ދިވެހި ބަހާއި ތަރިކަ އާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އާތިކާ އިބްރާހީމް އެ މިނިސްޓްރީގެ މުވައްޒަފުންނަށް ބުލީ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އެ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށެވެ.

މުވައްޒަފުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހަޅަން މަޖުބޫރުވީ މިނިސްޓްރީގެ ވެރިންގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް ވެރިން، ހާއްސަކޮށް، އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަދި ޑިރެކްޓަ ޖެނެރަލް އާތިކާ އެ ތަނުގެ މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއް ނެތި، އުސޫލުތަކުގެ ބޭރުން އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ރިއާޔަތް ކުރުމެއް ނެތި ބުލީކުރުމުގެ އުސޫލުން ކަންކަން ކުރަމުން ގެންދާތީ ކަމަށެވެ.

އެ މައްސަލާގައި ބުނެފައި ވަނީ ބުލީކުރުމުގެ އުސޫލުން، އެ ވަގުތަކު ބޭނުންވާ މީހަކު ލައްވައި ބޭނުން ކަމެއް އޭނާ ކުރުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އުފެދި ވަޒީފާގެ މަސްއޫލިއްޔަތުތައް އޮޅުންބޮޅުންވެ، މަސައްކަތްކުރަން ދަތިވާ ހިސާބަށް އޮފީހުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މި ތުހުމަތުތަކާ ގުޅޭގޮތުން އާތިކާގެ ބަހެއް ނުލިބުނެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ޕީއެސްގެ ގޮތުގައި ހަމަޖެއްސި އާތިކާ ވަނީ ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓަރީކަން ވެސް އޭނާ ކުރި އެވެ.

އޭނާގެ މައްސަލަތަކެއް ޑީޖޭއޭ އިން ވެސް އޭރު ތަހުގީގުކޮށްފައިވެ އެވެ. އެ ދުވަސްވަރު އޭނާ ސަސްޕެންޑު ވެސް ކުރި އެވެ.