ކަލާޒް ޗެނެލުން ގެނެސްދޭ "ބިގް ބޮސް" ގެ 18 ވަނަ ސީޒަނަށް އެ ޗެނެލުން ތައްޔާރު ވާން ފަށާފައިވާ އިރު، މި ސީޒަނާ އެކު ޝޯ އަށް އަނެއްކާ ވެސް ބަދަލެއް ގެންނަން ނިންމައިފި އެވެ.

ދިވެހިންގެ މެދުގައިވެސް މަގުބޫލު އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 18 ހޯސްޓްކުރާނީ އެހެން ސީޒަންތައްވެސް ހޯސްޓްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ފަށާ މިފަހަރުގެ ސީޒަންގައި ތަފާތު ކޮންސެޕްޓެއް ފެނިގެންދާނެ އެވެ. މިފަހަރުގެ ސީޒަންގެ ތީމަކަށް ބިގްބޮސް އުފައްދާ ޓީމުން ކަނޑައަޅާފައިވަނީ "ޓައިމް ޓްރެވަލް" ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައިނުވެ އެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަހަރުގެ ތީމާއެކު މީގެ ކުރީގެ ސީޒަންތަކުގައި ބައިވެރިވެފައިވާ ބައިވެރިން މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ އެވެ. އަދި އެސީޒަންތަކުގައި ފެނިގެންދިޔަ ގޭމްތައްވެސް ފެނިގެންދާނެ އެވެ.

މިފަހަރުގެ ސީޒަންގެ ބައިވެރިންގެ ގޮތުގައި ފެންނާނެ ކަމަށް އަޑު އަރާފައިވާ ތަރިންގެ ތެރޭގައި އަރްޖުން ބިޖްލާނީ، ޝުއައިބް އިބްރާހީމް، ކަރަން ޕަޓޭލް އަދި ސަމީރާ ރެޑީ ހިމެނެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ ފައިސަލް ޝައިހް، އެކްޓަރި ސުނިލް ކުމާރު އަދި މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ ދިރާޖް ދޫޕާރު އާއި ސުރްބީ ޖިއޯތީ ހިމެނެ އެވެ.

ކަލާސްއިން ބިގްބޮސް 18 އިއުލާން ކޮށްފައި މިވަނީ އަނިލް ކަޕޫރު ހުށައަޅައިދިން ބިގްބޮސް އޯޓީޓީ 3 ނިމުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ޝޯ ކާމިޔާބުކުރީ ސަނާ މަކްބުލް އެވެ. "ބިގްބޮސް 17" ކާމިޔާބު ކުރީ ކޮމެޑިއަން މުނައްވަރު ފާރޫގީ އެވެ.