ސްޕޭސް އެކްސްގެ ފުރަތަމަ "ޕްރައިވެޓް" ޖައްވީ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލައި އެ ދަތުރުގެ ބައިވެރިން އަނބުރާ ދުނިޔެއަށް އަތުވެއްޖެ އެވެ.

"ޕޮލަރިސް ޑޯން"ގެ ނަމުން ނަން ދެވިފައިވާ އެ ޖައްވީ މިޝަންގައި އެމެރިކާގެ ބިލިއަނަރެއްގެ އިތުރުން ސްޕޭސް އެކްސްގެ ދެ އިންޖީނިއަރުން ހިމެނޭ ގޮތަށް ހަތަރު މީހުން ބައިވެރިވެފައިވެ އެވެ.

ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓްގައި އެ ހަތަރު މީހުން ޖައްވަށް ދަތުރު ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ބައިވެރިން ޖައްވުގައި ޖުމްލަ 5 ދުވަސް ހޭދަކުރި އެވެ.

ދަތުރުގެ ތެރެއިން ބައިވެރިން ޖައްވުގައި 15 މިނެޓް ވަންދެން "ސްޕޭސް ވޯކް" ކުރިއިރު މިއީ ނާސާގެ ޕްރޮފެޝަނަލް އެސްޓްރޮނޯޓުން ފިޔަވައި އެހެން މީހަކު އެކަން ކުރި ފުރަތަމަ ފަހަރެވެ.

ދުނިޔެއާ ގާތްގަނޑަކަށް 740 ކިލޯމީޓަރު ދުރަށް ދަތުރުކުރި މި ދަތުރަކީ ސްޕޭސްއެކްސްގެ އެންމެ ނުރައްކާތެރި ދަތުރުގެ ގޮތުގައި ބެލެވުނު ދަތުރެވެ.

އެއީ އެ ދަތުރުގައި ދަތުރުކުރި ދުރުމިނަކީ ދުނިޔޭގެ ޖައްވީ ސްޓޭޝަން އާއި ހަބަލް ސްޕޭސް ޓެލެސްކޯޕް އަށްވުރެ ވެސް ދުރު ދުރުމިނަކަށް ވާތީ އެވެ.