މޯލްޑިވްސް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާގެ ގާތް މީހުންނާއި އާއިލާ މީހުންނަށް ކަސްޓަމްސް އިން ޕްރޮމޯޝަން ދޭ ކަމަށް އެ އިދާރާގެ ބައެއް މުވައްޒަފުން ބުނެފި އެވެ.

"ހުރިހާ" އާ ވާހަކަ ދެއްކި ކަސްޓަމްގެ މުވައްޒަފަކު ބުނީ ޕްރޮމޯޝަން ދިނުމުގައި ދިޔާނާގެ ގާތް މީހުނަށް ބަލާ ކަމަށެވެ.

އޭނާ ބުނީ ޕްރޮމޯޝަންއަށް ގާބިލް، ޝަރުތުހަމަވާ އެތައް ބަޔަކު ތިއްބާ ވަކި ހާއްސަ ބަޔަކަށް ނުހައްގު ޕްރޮމޯޝަން ދިނުމަކީ ބޭއިންސާފެއް ކަމަށެވެ. މިގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ކަސްޓަމްސްގެ ރަސްމީ ލިއުމެއްގައި ވާގޮތުން މި މަހުގެ 9 ވަނަ ދުވަހު ވަނީ ޑިވިޒަން ހެޑް، ޑެޕިއުޓީ ޑިވިޒަން ހެޑް، ސެކްޝަން ހެޑް، ޑެޕިއުޓީ ޑިވިޒަން ހެޑް އަދި އެސިސްޓެންޓް އޮފިސާ ރޭންކްތަކަށް އަށް މީހަކަށް ޕްރޮމޯޝަން ދީފަ އެވެ.

ކަސްޓަމްސްއިން ސެޕްޓެމްބަރު މަހު ޕްރޮމޯޝަން ދީފައިވާ ބައެއް ފަރާތްތައް

އެނގިފައިވާ ގޮތުގައި އެ ހުރިހާ އެންމެންނަކީ ވެސް ދިޔާނާގެ ގާތް މީހުނެވެ. މި ތުހުމަތުތަކާއެކު ކަސްޓަމްގައި ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންކަން ބައްޓަންކުރާކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ކަސްޓަމްސްގެ ބަހެއް އަދި ނުލިބެ އެވެ.

ދިޔާނާ ކަސްޓަމްގެ ސީޖީކަމަށް އައްޔަންކޮށްފައިވަނީ ޖުލައި މަހު އެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު ކުއްލިގޮތަކަށް ވަކި ކުރުމަށް ފަހު އެވެ.