ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވާ، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އައްބާސް ޝަރީފް، އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާއަށް ރައީސް ހުށަހެޅުއްވާފައިވަނީ އައްބާސްގެ ނަންފުޅު އެކަންޏެވެ. އައްބާސް އައްޔަންކުރުމާ ގުޅޭ މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމާ، އައްބާސް އައްޔަންކުރުމަށްވަނީ ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

މިއަދު ބޭއްވި ޖަލްސާގައި އައްބާސްއަށް ރުހުންދީފައިވަނީ އޭނާ އައްޔަންކުރަން ފެންނަކަމަށް 85 މެންބަރުން ވޯޓު ދީގެނެވެ. ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވެ އެވެ.

ޕީޖީގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މާގާމުގައި ހުންނެވި ހުސެއިން ޝަމީމްއަށް ގިނަ ތުހުމަތުތަކަކާއެކު އޭނާ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާ، ވަކިކުރަން ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށް ޝަމީމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި އޭނާ އެ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރި އެވެ.

ޖުޑިޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން އައްބާސް އިއްޔެ ވިދާޅުވީ ޕީޖީކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައީސް މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ އެދިވަޑައިގަތުމަށް ނޫން ކަމަށެވެ. މަގާމަށް އައްޔަންކުރައްވައިފިނަމަ މޫނަކަށް ބެލުމެއް ނެތި މައްސަލަތައް ބައްލަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.