ފިލަޑެލްޕިއާ އަށް ނިސްބަތްވާ ހައި ސްކޫލް ދަރިވަރަކު ކޮލެޖްތަކަށް އެޕްލައި ކުރުމުން ސްކޯލާށިޕްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

އުމުރުން 17 އަހަރުގެ ޝާންޔާ ރޮބިންސަން - އޯވެންސް ވަނީ 30 ހަކަށް ކޮލެޖަށް އެޕްލައި ކޮށްފަ އެވެ. އޭނާ އެޕްލައި ކުރި ތަންތަނުން ހޮވުނުކަމުގެ ލިޔުން ލިބެން ފެށިއިރު، ޖުމްލަކޮށް އޭނާއަށް ސްކޯލާޝިޕްގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާކަން އެނގުނެވެ.

ޖޯޖް ވޮޝިންގްޓަން ކާވާ ހައި ސްކޫލް އޮފް އޮންޖިނިއަރިން އެންޑް ސައިންސްގައި ތައުލީމު ހާސިލުކުރާ ޝާންޔާ ކޮލެޖްތަކަށް އެޕްލައި ކުރީ ހޮވޭނެކަމުގެ މާބޮޑު އުންމީދަކާ އެކުއެއް ނޫނެވެ. އެހެން ކަމުން ސްކޯލާޝިޕް ލިބުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.

"މި ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނުކުރަން. ސްކޯލާޝިޕް އާ ގުޅޭ މަޢުލޫމާތު އެނގޭ. އެކަމަކު އެއީ މިހާ ފައިސާއެއް ކަމެއް އޭރު ނޭނގޭ،" ޝާންޔާ ބުންޏެވެ.

އޭނާ އަދި ދާނީ ކޮން ކޮލެޖަކަށް ކަން ނުނިންމަ އެވެ. މިހާރު އޭނާ ދަނީ ކޮލެކް ކެމްޕަސްތަކުގެ ޓުއާތަކަށް ދަމުންނެވެ.

ސީއެންއެން އާ ވާހަކަދައްކަމުން ޝާންޔާ ބުނީ އޭނާ ބަލާނީ އެންމެ ގިނަ ފައިސާ އޮފާކުރާ ކޮލެޖަކަށް ނޫން ކަމަށެވެ. އަދި ހުރިހާ އޮޕްޝަނެއް ރަނގަޅަށް ދިރާސާކޮށް ރަނގަޅު ކޮލެޖަކަށް ދިއުމަށް ވިސްނާ ކަމަށް ބުންޏެވެ.

ޝާންޔާ ބޭނުން ވަނީ ކޮލެޖަށް ގޮސް ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާށެވެ. މިހާރު އޭނާ އެންމެ ގަޔާވާ މާއްދާތަކުގެ ތެރޭގައި ވެސް ފިޒިކްސް އަދި ކެމިސްޓްރީ ހިމެނެ އެވެ. ނޫސްވެރިކަމަށް ވެސް އޭނާގެ ޝައުގުހުރެ އެވެ. އެ ގޮތުން މިހާރު އޭނާ ކިޔަވަމުންދާ ސްކޫލްގެ ހަބަރު ވެބްސައިޓަށް އެނާ ގެންދަނީ ހަބަރު ލިޔަމުންނެވެ.