ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑީވްސް (އެފްއެޗްއޭއެމް) ގެ ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފި އެވެ.
އެފްއެޗްއޭއެމް އަކީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ ބޮޑު ކަލްނަރީ އަދި ހޮސްޕިޓާލިޓީ ޓްރޭޑް ފެއާ އެވެ. މި ހަރަކާތުގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިތަކާއި ދާއިރާގައި ހަރަކާތްތެރިވާ އެތައް ބަޔަކު ބައިވެރިވެ އެވެ.
"ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އެފްއެޗްއޭއެމް ގްލޯބަލް ކަލްނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން 2024ގެ ހުރިހާ ބައިވެރިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން، ސިނާއަތުގެ ކުރިއެރުމާއި އިނޮވޭޝަންއަށް އަދި ގުޅުންތައް ބަދަހިކުރުމަށް އިންތިޒާމުކުރެވޭ މިފަދަ މުހިންމު އިވެންޓްތަކާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވި އެވެ.
ދިވެހި އެކްސްޕޯ ސާވިސްއާއި ސީޑީސީ އިވެންޓްސް އެންޑް ޓްރެވަލްސް ގުޅިގެން އިންތިޒާމުކުރާ މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 – 25 ވަނަ ދުވަހަށް ދަރުބާރުގޭގަ އެވެ.
ރާއްޖޭގެ މުހިންމު ދާއިރާތައް ކުރިއަރުވައި، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިރާގުން އަބަދުވެސް ދެމިއޮންނާނެކަމަށް އެ ކުންފުނިން ބުނެ އެވެ.