ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށްވުރެ ގިނައިން ވޯޓު ނުލިބި، ޕްރިފަރެންސް ވޯޓުތައް ގުނުމަށް އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ މިވަގުތާ ހަމައަށް ދައްކާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަނޫރާ ކުމާރާ ޑިސަނަޔަކެ ކުރީގައި އުޅުއްވަނީ 39.8 އިންސައްތަ ވޯޓާއެކު އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާ އިދިކޮޅު މައި ޕާޓީގެ ކެނޑިޑޭޓް ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގަތީ 34.32 އިންސައްތަ އެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަނުން ދާދި ދެންމެ ވަނީ ލަންކާގެ ރިޔާސީ އިންތިހާބުގެ ގާނޫނު 1981 ގެ ދަށުން ޕްރިފަރެންސް ވޯޓު ގުނުމަށް ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. މީ ލަންކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބެއްގައި 50 އިންސައްތަ ހަމަނުވެ ޕްރިފަރެންސް ވޯޓު ގުނަންޖެހުނު ފަހަރުކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

މިފަހަރު ވޯޓު ގުނުމަށް ނިންމާފައިވަނީ އެންމެ ކުރީގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ވޯޓު އެކަންޏެވެ.

ލަންކާގައި ރިޔާސީ އިންތިހާބުގައި އެމީހަކަށް އެންމެ ކަމުދާ ތިން ކެނޑިޑޭޓަކަށް ވޯޓު ލެވެ އެވެ.

ޕްރިފަރެންސް ވޯޓު ގުނާއިރު ބަލާނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ހިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި ޑިސަނަޔަކަ ނުވަތަ ޕްރަމަދާސަ ހިޔާރުކޮށްފައިވޭތޯ އެވެ. އެގޮތުން ހިޔާރުކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނާނެ އެވެ. އެގޮތުން 50 ޕަސަންޓު ކެންޑިޑޭޓަކަށް ހަމަވަންދެން އެ ޕްރޮސެސް ކުރިއަށް ގެންދާނެ އެވެ.

2022 ވަނަ އަހަރު އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި 38 ކެންޑިޑޭޓުން ވާދަކުރި އެވެ.