ބާސެލޯނާގެ އިންތިހާބު ކާމިޔާބުކޮށް، އެ ކްލަބުގެ ރައީސްގެ މަގާމަށް އިންތިހާބުވި ހޮއާން ލަޕޯޓާގެ ފުރަތަމަ ވައުދަކީ އެ ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނެލް މެސީ އެ ކްލަބުގައި މަޑުކުރުވުމެވެ.

އިންތިހާބު ކާމިޔާބުކުރުމަށް ފަހު ލަޕޯޓާ ވިދާޅުވީ މި އިންތިހާބުގައި މެސީ ވޯޓުލުމަކީ، ބާސާއާމެދު އޭނާގެ ހިތުގައި އޮތް ލޯބި ފެނިގެންދިޔަ ކަމެއް ކަމަށެވެ. އަދި މެސީ މަޑުކުރުވުމަކީ އޭނާގެ އެންމެ ފުރަތަަމަ އަމާޒު ކަމަށެވެ.

"މެސީ އޭނާގެ ދަރިފުޅާއެކު އައިސް، މި އިންތިހާބުގައި ވޯޓުދިނުމުން ފެނިގެންދިޔައީ މި ކްލަބު ދެކެ މެސީ ލޯބިވާވަރު. މި ކްލަބު ސިފަކުރެވޭނީ އެއް އާއިލާއެއްގެ ގޮތުގައި. އުންމީދަކީ މި ކްލަބުގައި މެސީ މަޑުކުރުން،" ލަޕޯޓާ ވިދާޅުވި އެވެ.

ލަޕޯޓާ އެ ކްލަބުގެ ރައީސްކަމާ އަލުން ހަވާލުވިއިރު، މާލީ ގޮތުން ބާސާ އަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. އަދި މީގެ އިތުރުން ކްލަބަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެ ކްލަބު ދޫކޮށްލަން ވިސްނުމެވެ. ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓުރެކްޓް މި އަހަރު ހަމަވާނެ އެވެ.

ލަޕޯޓާ ވަނީ މީގެ ކުރިން ވެސް ބާސާގެ ރައީސްކަންކޮށްފަ އެވެ. އެގޮތުން 2003 އިން 2010 އަށް، ލަޕޯޓާގެ ރައީސްކަމުގެ ދަށުން ބާސާ އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބާސާގެ ރައީސްގެ މަގާމުގައި ލަޕޯޓާ މީގެ ކުރިން ހޭދަކުރި ހަތް އަހަރުގެ ތެރޭގައި އެ ކްލަބުން ވަނީ ސްޕެނިޝް ލަލީގާ ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ބާސާގެ އިންތިހާބުގައި ޖުމްލަ 55،611 މެމްބަރުން ބައިވެރިވިއިރު، ލަޕޯޓާ އިންތިހާބު ކާމިޔާބުކުރީ 30،184 ވޯޓާއެކު އެވެ. ލަޕޯޓާއާ ދެންވާދަކުރީ ވިކްޓަރ ފޮންޓާއި ޓޯނީ ފްރެއިޒާ އެވެ. – ބީބީސީ