ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ބައެއް ވެރިން ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ނޯމަލައިޒޭޝަން ކޮމިޓީއާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފްދު ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފުއާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދިވަޑައިގަތުމަށް މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މި ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން، އެފްއޭއެމްގެ މަސައްކަތްތައް ޢާންމު ހާލަތަކަށް ރުޖޫއަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ފަރާތުން ޕީޖީއާ ވަނީ ހިއްސާކޮށްފަ އެވެ. އައްބާސް ވަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާގައި ދެ އެޕާޓްމަންޓް ގަނެފައިވާތީ އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް 18 ސެޕްޓެމްބަރުގައި ފުލުހުން ބުނެފައިވެ އެވެ.

އެފްއޭއެމް ހިޔާނާތުގެ މައްސަލައިގައި ބައްސާމުގެ އިތުރުން އެ އެސޯސިއޭޝަންގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މި މައްސަލާގައި މި ފަރާތްތަކުގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި، އޮޅުވާލުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ.