އިޒްރޭލުން ޔަމަނުގެ ރަސް އީސާ އާއި ހުދައިދާއަށް ވައިގެ ހަމަލާތަކެއް ދޭން ފަށައިފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޔަމަނުގައި ހުންނަ ހޫތީންގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދޭން ފަށާފައިވާ ކަމަށެވެ.
އާދީއްތަ ދުވަހު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސް އީސާ އާއި ހުދައިދާއަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.
އިޒްރޭލުން މި ހަމަލާ ދީފައި މިވަނީ ތެލްއަވީވް ކައިރީގައި އޮންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ހޫތީން ބުނެފައި ވަނިކޮށެވެ.
ޔަމަނުގެ އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހަނގުރާމަވެރި ހޫތީ ޖަމާއަތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އިޒްރޭލާ ގުޅުން ހުރި ކަނޑު ބޯޓުތަކަށް ރަތް ކަނޑުގެ ސަރަހައްދުތަކާއި ގަލްފް އޮފް އަދަން އަދި ބާބް އަލް މަންދަބް ކަނޑުގައި ތަކުރާރުކޮށް ހަމަލާތައް ދެމުން އަންނައިރު، މިއީ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނާ އެއްބައިވަންތަކަން އުފެއްދުމުގެ ކެމްޕެއިނެއްގެ ގޮތުގައި އެ ޖަމާއަތުން ސިފަކުރެ އެވެ.